އެފް.އޭ.އެމް ނޯރތު ރީޖަން ލީގު ފުޓްބޯޅަ މުބާރާތުގައި ހއ. ދިއްދޫ ތަމްސިލުކުރާ ދިއްދޫ ކުޅިވަރު ކުލަބަކީ "ވަގުންގެ ނެޓްވޯކެއް" ކަމަށް ސިފަކޮށް، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު، ޒިންމާދާރުކަން ކުޑަ ވާހަކަތައް ދައްކަވާފައިވާކަމަށް ބުނެ، އެކަން އެ ކުލަބުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ''ދިއްދޫ ކުޅިވަރު ކްލަބް'' އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ކުލަބުގެ އަބުރަށް ހުތުރުވާގޮތަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވާހަކަ ދެއްކެވިކަމަށް ތުހުމަތުކޮށް، މި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ގޮވާލާފައެވެ.

Ad
rt

ދިއްދޫ ކުޅިވަރު ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުލަބަކީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ގާނޫނީގޮތުން ރަޖިސްޓްރީކޮށްގެން، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ހިންގަމުންދާ ކުލަބެއް ކަމަށެވެ. އަދި އެފް.އޭ.އެމް ނޯރތު ރީޖަން މުބާރާތުގައި އެ ކުލަބުން ބައިވެރިވެފައިވަނީ ދިއްދޫ ކައުންސިލްގެ ރަސްމީ އެންޑޯސްމަންޓާއި، ކައުންސިލްގެ ރަސްމީ ސިއްކަ ޖަހާފައިވާ ލިޔުމަކާއެކު ކަމަށްވެސް އެ ކުލަބުން ފާހަގަކޮށްފައިވެއެވެ.

ކައުންސިލުން ރަސްމީ ލިޔެކިޔުންތަކެއް ދޫކޮށްފައިވާއިރު، އެ ކުލަބަކީ ކޮން ބަޔަކު ހިންގާ ކުލަބެއްކަން ކައުންސިލްގެ ރައީސަށް އެނގިވަޑައިނުގަތުމަކީ ކައުންސިލް ރައީސްގެ ނާގާބިލުކަމާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ފަރުވާކުޑަކަން ހާމަވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ވެބްސައިޓުން ފަސޭހަކަމާއެކު ލިބެންހުރި މައުލޫމާތެއް ކައުންސިލްގެ ރައީސް ފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކަށް ބައްލަވައިލަން އެނގިވަޑައިނުގަތުމަކީ ނުހަނު ހިތާމަހުރި ކަމެއް،" ކުލަބުގެ ބަޔާނުގައިވެއެވެ.

ދިއްދޫ ކުޅިވަރު ކުލަބަކީ ރަށަށް ރީތި ނަން ހޯދައިދިނުމުގައި ދެމިއޮތް ކުލަބެއްކަން ފާހަގަކުރަމުން، އެ ކުލަބުން ވަނީ މީގެ ކުރިން އެފް.އޭ.އެމް އެޓޯލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އެ ކާމިޔާބީގެ ރަމްޒު ދިއްދޫ ކައުންސިލް އިދާރާގެ ހަރުގަނޑުގައި ބައިންދާފައިވާކަން ހަނދާންކޮށްދީފައެވެ. ކުލަބުން ބުނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކޮށް، ކުލަބުގެ އަބުރަށް ހުތުރުކުރުމަކީ މެންބަރުންނާއި ސަޕޯޓަރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.

މި މައްސަލައިގައި ކައުންސިލް ރައީސް ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ހިލާފު، ދަށު ދަރަޖައިގެ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް، މިކަން ބަލައިދިނުމަށް ފުލުހުންނަށް ގޮވާލާފައިވާއިރު، މިއީ ރަށުގެ ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި އެ ކުލަބުން ބުނެފަވެއެވެ.

ދިއްދޫ ކުޅިވަރު ކްލަބުން މިފަދަ ބަޔާނެއް ނެރުނުއިރު، އެ ކްލަބުން އެފްއޭއެމް ނޯތު ރީޖަނަލް ލީގުގައި ބައިވެރިކޮށްފައިވާ ދިއްދޫ އަށް ނިސްބަތްވާ ޓީމަކީ މިހާތަނަށް ލީގުގެ ހުރިހާ މެޗެއް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ. އެ ޓީމުން އަންނަނީ ކޮންމެ މެޗެއްގައި ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. މިވަގުތު އެޓީމު އޮތީ ހަ ޕޮއިންޓާއެކު ލީގުގެ ތާވަލުގެ އެއްވަނާގައެވެ.

މި ޓީމަކީ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް 2026ގެ ހއ. އަތޮޅު ޗެމްޕިއަންގެ އިތުރުން ޒޯން 1ގެ ރަނަރަޕް ޓީމެވެ.

ދިއްދޫ ކުޅިވަރު ކްލަބްގެ ފައުންޑަރއަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) އެވެ.