ތިމާވެށީގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރެވިދާނެ ފުރުޞަތުތަކާ ގުޅޭގޮތުން ރާއްޖޭގެ މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން ހާމަކުރި ގޮތުގައި، މިނިސްޓަރ ޢަލީ ޝަރީފް ވަނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ޒިޔާރަތްކުރައްވައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ މިސްޓަރ ޝާދީ ގަވަސްމީ އާއި ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ތިމާވެށީގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވިއެވެ.
އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ. މިއީ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ އުރީދޫ ގްރޫޕުގެ ސަބްސިޑިއަރީ ކުންފުންޏެއްގެ އިތުރުން، ރާއްޖެއަށް އެންމެ ފުރަތަމަ 3ޖީ އަދި 4ޖީ ނެޓްވޯކް ތަޢާރަފުކޮށް، ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ކުންފުންޏެކެވެ. މިހާރުވެސް އެ ކުންފުނިން ދަނީ 5ޖީ އާއި ހައި-ސްޕީޑް ބްރޯޑްބޭންޑް ޚިދުމަތް ފުޅާކުރުމުގައި އިސްދައުރެއް އަދާކުރަމުންނެވެ.
މުވާސަލާތީ ޚިދުމަތްތަކުގެ އިތުރުން، އުރީދޫއިން ވަނީ އެމް-ފައިސާ، މޫލީ އަދި ސުޕަރއެޕް ފަދަ ޑިޖިޓަލް ނިޒާމުތައް ބިނާކޮށްފައެވެ. އުރީދޫގެ މައިގަނޑު މަގްސަދަކީ "މީހުންގެ ދިރިއުޅުން މުއްސަނދިކުރުން" ކަމުގައިވާއިރު، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ގާބިލިއްޔަތު އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އުރީދޫއަކީ އިޖުތިމާޢީ ޒިންމާ (ސީ.އެސް.އާރު) ގެ ދަށުން ރާއްޖޭގެ އެކި ރަށްތަކުގައި މުޖުތަމަޢަށް ފައިދާހުރި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވާއިރު، މިނިސްޓްރީއާއެކު ކުރެވުނު މި މަޝްވަރާތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!