ސަރަހައްދީ ގޮތުން މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައްޔިތުން އީރާން، ލުބުނާން އަދި އިރާގަށް ދަތުރުކުރުން އެގައުމުގެ ސަރުކާރުން ބުރާސްފަތި ދުވަހު މަނާކޮށްފިއެވެ.
މީގެ އިތުރުން މިހާރު އެ ގައުމުތަކުގައި ތިބި ޔޫއޭއީގެ ރައްޔިތުން ވީ އެންމެ އަވަހަކަށް އެނބުރި ގައުމަށް އައުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ "މިހާރު ސަރަހައްދުގައި ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް" ނިންމި ނިންމުމެއް ކަމަށެވެ.
މި ނިންމުމުގެ ދަށުން އިސްލާމިކް ރިޕަބްލިކް އޮފް އީރާން، ލުބުނާން އަދި އިރާގަށް ޔޫއޭއީގެ ރައްޔިތުން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ މި ތިން ގައުމުގައި މިވަގުތު ތިބި އެމިރޭޓްސްގެ ރައްޔިތުން "ވީ އެންމެ އަވަހަކަށް އެ ގައުމުތަކުން ފުރައިގެން ޔޫއޭއީއަށް އެނބުރި އައުމަށް" ގޮވާލާފައެވެ. މިއީ ބޭރު ގައުމުތަކުގައި އުޅޭ އެގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، ޔޫއޭއީގެ ސަރުކާރުން ނެރޭ އިރުޝާދުތަކާއި އެޑްވައިޒަރީތަކަށް ފުރިހަމައަށް އަމަލުކުރުމުގެ މުހިންމުކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ތިން ގައުމުގައި ތިބި ރައްޔިތުން ކަނޑައެޅިފައިވާ ކުއްލި ނަންބަރު މެދުވެރިކޮށް ގުޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!