ރާއްޖޭގައި ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ އެކަށީގެންވާ ސަރަޙައްދުތަކެއް އެސް.ޓީ.އޯ އާއި ކަމާގުޅޭ ވުޒާރާތަކުން ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މި މަޝްރޫޢު ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކަމަށާއި، މި ފިޔަވަހީގައި މާލެ ކައިރީގެ ދެ ސަރަޙައްދެއްގެ ފީޒިބިލިޓީ ބެލުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މި ސަރަޙައްދުތަކުގެ ސާރވޭތައް ނިންމައި، އެކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ތެލުގެ ރިޒާވް ގާއިމުކުރުމާ ގުޅޭގޮތުން ހުރި ސުވާލުތަކާއި ކަންބޮޑުވުންތަކަށް މި ފީޒިބިލިޓީ ސްޓަޑީގެ ތެރެއިން އެކަށީގެންވާ ޖަވާބުތަކެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ މަޝްރަޙަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާބޯތަކެތި އަދި ބޭހުގެ ސަޕްލައި ކަށަވަރުކުރުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަޤީންކަން ސަރުކާރުން ދޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!