މާލެ ސަރަހައްދަށް މިރޭ ކުރަމުންދާ ގަދަ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ ކަރަންޓު ކެނޑެމުންދާތީ އެކަމަށް ސަމާލުވުމަށް މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ކުންފުނި، ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ މިރޭ ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ ޓްރިޕްވެ ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އެގޮތުން ޑީ-ބޯޑު ޗެކްކުރާއިރު އީ.އެލް.ސީ.ބީ ވެއްޓިފައިވާނަމަ، އެ އަލުން ނަންގަވައި ކަރަންޓު ދިނުމަށް މަސައްކަތް ކުރުމަށް ސްޓެލްކޯއިން އިރުޝާދުދެއެވެ.
ނަމަވެސް، އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1545 އަށް ގުޅުއްވައި ރިޕޯޓް ކުރެއްވުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިދާ ގުގުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!