ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފައިނަލްގައި މިއަދު ހއ. ދިއްދޫ އާއި ދެކޮޅަށް ނުކުންނައިރު، ހދ. އަތޮޅަށް ތަށި ގެނައުމަށް އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިތްވަރުދީ ސަޕޯޓްކޮށްދިނުމަށް ''ޓީމު ހަނިމާދޫ'' އިން އިލްތިމާސްކޮށްފިއެވެ.

ހަނިމާދޫގެ މި އިލްތިމާސަށް ހދ. އަތޮޅުގެ ރަށްތަކުން އަންނަނީ އިޖާބަދީ، މީސްމީޑިއާގައި ''ޓީމް ހަނިމާދޫ''ގެ އިލްތިމާސްގެ ޕޯސްޓް ޝެއާ ކުރަމުންނެވެ.

Ad
rt

ދިއްދޫ އާއި ހަނިމާދޫ ބައްދަލުކުރާ ފައިނަލް އޮންނާނީ މިއަދު ހަވީރު 16:00 ގައި ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.


ދިއްދޫ ފައިނަލަށް ދަތުރުކުރީ ފުރަތަމަ މެޗު 4-1 އިން ކުޅުދުއްފުށީ ސިޓީ ބަލިކޮށް އަދި ދެވަނަ މެޗުގައި 2-2 އިން ހަނިމާދޫ އާއި އެއްވަރު ކޮށްގެންނެވެ. ހަނިމާދޫ ފައިނަލަށް ދިޔައީ ދިއްދޫ މެޗު އެއްވަރުވެ، 3-0 އިން ކުޅުދުއްފުށީ ސިޓީ ބަލިކޮށްގެންނެވެ.

އެފްއޭމް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫގެ ޓީމަކީ ބިދޭސީ ކުޅުންތެރިންނާއެކު ވަރުގަދަ ކުޅުމެއް ދައްކާފައިވާ ޓީމެކެވެ. އަނެއްކޮޅުން އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. ގެ ނަރަރަޕް ހަނިމާދޫގައި ހުސް ދިވެހި ކުޅުންތެރިން ހިމެނޭއިރު އެޓީމު ވެސް ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ.

ހއ. އަތޮޅުގެ ރަނަރަޕް އިހަވަންދޫ ނޯތު ރީޖަން ކޮލިފައިން އިން ވަކިވެފައިވާތީ މި ކޮލިފައިންގައި ކުޅުނީ ތިން ޓީމުގެ މެދުގައެވެ.