ވިލިމާލޭގައި ބޯހިޔާވަހިކަމަށް އިމާރާތްކުރާ 300 ފުލެޓު މަޝްރޫޢުގެ ދަށުން ހިމެނޭ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު، އެ ސަރަހައްދުގައި ހުރި ބޮޑެތި ފުނަގަސްތަކަށް ގެއްލުން ނުވާނެހެން އެހެން ތަނަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބެވެ.

Ad
rt

މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވަނީ ބޮޑެތި ފުނަގަސްތައް ނުކަނޑައި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެ ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތްކަމީ ޝައްކެއް އޮތް ކަމެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެތައް ހާސް އާއިލާއަކުން ދަތި ހާލުގައި ދިރިއުޅެމުންދާތީ އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، މާލެ ސަރަޙައްދުގައި ހިއްކާފައިވާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތަކަށް ވުމާއެކު، ފުލެޓު އެޅުމަށް ބިން ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިލިމާލޭގެ މުހިއްޔުއްދީން ސްކޫލް ކުރިމަތީގައި އޮންނަ ބިމުގައި ހުރި ބިޔަ ފުނަގަސްތައް ކަނޑައިގެން ހައުސިން ޔުނިޓު އަޅަން ނިންމާފައިވާތީ، އެކަން ހުއްޓުވުމަށް ހުމައިދާ އަބްދުލް ޣަފޫރާއި އަހުމަދު އިކުރާމްގެ ފަރާތުން ވަނީ 21 އޭޕްރިލް 2026 ގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލައިގައި އެދިފައިވަނީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް (އީއައިއޭ) ނެތި މަސައްކަތް ނުކުރުމަށާއި، ހިމާޔަތްކޮށްފައިވާ ގަސްތަކަށް ގެއްލުން ނުދިނުމަށެވެ.

މީގެ އިތުރުން، ފުނަވަލުގައި ހުރި ގަސްތަކުގެ ދަފްތަރު ގަވާއިދާ އެއްގޮތަށް އަދާހަމަކޮށް، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްވެސް ކޯޓުގައި ވަނީ އެދިފައެވެ. ދައުވާކުރާ ފަރާތުން ބުނެފައިވަނީ މި މަޝްރޫޢަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

ސަރުކާރުގެ މި ނިންމުމަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، ގުދުރަތީ ވަސީލަތްތައް ނެތިގެން ނުދާނެ ގޮތަށް ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން މާލެ ސަރަހައްދުގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށް ވަނީ ނިންމާފައެވެ.