ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބުނު ކާރުތައް ރަޖިސްޓްރީ ނުކުރެވި ލަސްވާތީ ދިމާވާ ދަތިތަކާ ގުޅިގެން ހއ. ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަށްވާނެކަމުގެ ޔަގީންކަން އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ.
ހއ. ދިއްދޫ، މުތީގެ، އާދަމް ސަލީމް މީސްމީޑިއާގެ ''އެކްސް'' މެދުވެރިކޮށް ވަޒީރު ސައީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބުނު ކާރުތައް ރަޖިސްޓްރީ ނުކުރެވި ލަސްވުމުގެ ސަބަބުން ލޯނު ނެގި ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އަދި ކާރުތައް ރަޖިސްޓްރީ ނުކުރެވޭތީ ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދޭނެ ގޮތެއް ނެތް ނަމަވެސް، ލޯނު އަނބުރާ ދެއްކުމަށް ބޭންކުން ބާރުފޯރުވަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ.
އާދަމް ސަލީމްގެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، ރަޖިސްޓްރޭޝަން ލަސްވަނީ ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ހުރިގޮތުން ކަމަށެވެ. އެހެންވެ، ކާރު ރަޖިސްޓްރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމަށް (މޮރެޓޯރިއަމްއެއް) ހަމަޖައްސައިދިނުމަށް އޭނާ ވަނީ އެދިފައެވެ. އަދި މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ވަޒީރު ސައީދު އާއި ބައްދަލުކުރުމުގެ ފުރުޞަތަކަށްވެސް އޭނާ ވަނީ އެދިފައެވެ.
بسم الله الرحمن الرحيم
އަލްފާޟިލް އާދަމް ސަލީމް (މުތީގެ / ހއ.ދިއްދޫ) އަށް،
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.އަޅުގަނޑަށް އެޑްރެސްކުރައްވާ މީސްމީޑިއާގައި ޝާއިޢުކުރެއްވި ސިޓީއާ ގުޅިގެން ދަންނަވަމެވެ.
އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން އިންސާފުވެރިކަމާއެކުގައި ބަލައި،… https://t.co/jxAbbDL1np
— Mohamed Saeed (@em_saeed) April 24, 2026
މިކަމާ ގުޅިގެން ވަޒީރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން އިންސާފުވެރިކަމާއެކުގައި ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ޙައްލުތަކެއް ހޯދަން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
"އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން އިންސާފުވެރިކަމާއެކުގައި ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ޙައްލުތަކެއް ހޯދަން މަސައްކަތްކޮށްދިނުމަކީ އަޅުގަނޑުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެމެވެ." ވަޒީރު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އެ ސިޓީގައިވާ ކަންކަން ބަލައިދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު ދަންނަވާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލު ހޯދައިދިނުން ކަމަށެވެ. ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!