ހުވާކުރާ ސިކުންތުން ފެށިގެން ހއ. ފިއްލަދޫގެ "ފޮށިން ބޭރުގައި" ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނަވާނެ ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު ހާމިދު ވިދާޅުވެއްޖެއެވެ.
ހާމިދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭ ޕީއެންސީ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.
ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ހުރިހާ ގޮނޑިއެއް ވެސް މިފަހަރު ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ކާމިޔާބީއަށް އިޝާރާތްކުރައްވައި ހާމިދު ވިދާޅުވީ، ފިއްލަދޫގެ ސާފު މެޖޯރިޓީއަކީ މިހާރު ޕީއެންސީ ކަމަށާއި، ރަށުގެ ޒުވާނުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފިކުރާ އެކުގައި ކަމަށެވެ.
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ހާމިދު ވިދާޅުވީ، ފިއްލަދޫން އެމްޑީޕީ ފޮހެވިގެންދާ ސަބަބާ މެދު އެ ޕާޓީން ދިރާސާއެއް ކުރަންޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތައް ނިމޭކޮޅު، ރަށުގެ ހަރުމުދަލަށް ޚިޔާނާތްތެރިވާކަން ފާހަގަކުރެވޭ ކަމަށެވެ.
"އަޅުގަނޑު މިއަދު ދަންނަވަން އަޅުގަނޑު ހުވާކުރާ ސިކުންތުން ފެށިގެން ފިއްލަދޫގެ ފޮށިން ބޭރުގައި ހުރި ހަރުމުދާ، މިދައްނަވަނީ ރުއްގަހުގެ ވާހަކަ، ރުއްގަހަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނާނަން،" ހާމިދު ވިދާޅުވިއެވެ.
ހާމިދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ އިސްސަފުގައި ތައުލީމީ މީހުން މަދުވުމާއި، ރައްޔިތުންނާ އޮންނަ ގުޅުން ކުޑަވުމަކީ އެ ޕާޓީއަށް ރަށުގެ ތާއީދު ގެއްލުނު ސަބަބެއް ކަމަށެވެ. އަދި އިންތިޚާބު ނިމުމާއެކު އެމްޑީޕީއަށް ނިސްބަތްވާ 20 އެއްހާ އާއިލާ ޕީއެންސީއާ ގުޅެން ނިންމާފައިވާކަން ވެސް އޭނާ ވިދާޅުވިއެވެ.
ހާމިދު ވިދާޅުވީ، ފިއްލަދޫ ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، އިންތިޚާބުގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ދިނުމަކީ އޭގެ ހެއްކެއް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އާއި ދާއިރާގެ މެންބަރު ޝަރީފްގެ އަރިހުން އޭނާ އެދިވަޑައިގަތީ ރަށުގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!