މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހިއްކަމުންދާ ރަސްމާލޭގެ 50 އިންސައްތަ ބިން ހިއްކާ ނިމިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 50 އިއްސަތަ ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އަދި އެއީ 504 ހެކްޓަރުގެ ބިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމާލެއިން މިހާރު ހިއްކިފައިވާ ސަރަހައްދަކީ ހުޅުމާލޭގެ ދެ ފޭސްގެ ބިމާ އެއްވަރު ބިމުގެ ސަރަހައްދެކެވެ. އަދި ބާކީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް ވެސް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ކުރިއަށް ދަނީ، ފޮޓޯ: އެމްއޭސީއެލް
މިނިސްޓަރު ވަނީ ހުޅުމާލެއިން ގޯއްޗަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަންތަކުގެ މަރުހަލާތައް ނިމެންވާއިރަށް ބާކީ ބިން ހިއްކައި، އެ މަޝްރޫޢުގެ ބިން އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
''މާނައަކީ އަޅުގަނޑުމެން ކަނޑުން ބިމެއް ނުދޭނަމޭ، އަޅުގަނޑުމެން ބިން ދޭނީ ބިން ހިއްކުމަށްފަހުގައޭ'' މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކުރުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު އަންނަނީ ބޭނުން ކުރަމުންނެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ "ބިންވެރިޔާ" ހާއްސަ ސްކީމްގެ ދަށުން ރަސްމާލެއިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ދަށުން ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯތިތަކެކެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހާއްސަކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!