ހއ. ބާރަށު ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލަރުން މަގާމުގެ ހުވާކޮށް މަސައްކަތާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ އެ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ގާއިމުކުރުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމާއެކު މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބައްދަލުވުމުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ބާރަށުގައި އަލަށް ބިނާކުރާ މިސްކިތުގައި ހިމެނޭ ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތް ނިމެން އަދި ދުވަސްކޮޅެއް ނަގާނެތީ، ވަގުތީ ގޮތުން އެ ސެންޓަރު ހިންގުމަށް ހަމަޖެހިފައިވަނީ ރަށުގެ ދެކުނު އަވަށުގައި ހުރި ކުރީގެ އަންހެނުންގެ މިސްކިތުގައެވެ. އެ މިސްކިތް އާބާތުރަ ފިލުވައި، ޤުރުއާން ސެންޓަރު ހިންގުމަށް ބޭނުންވާ މަޝްވަރާތައް މިހާރު ވަނީ ކުރެވިފައެވެ.
މި ސެންޓަރަށް ބޭނުންވާ ޓީޗަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކެއް ހަމަޖައްސައިދޭނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުންނެވެ. އަދި އެތަނުގައި ކިޔަވައިދޭނެ ސިލަބަސް ވެސް ކަނޑައަޅާނީ އެ މަރުކަޒުން ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
"މާތްﷲގެ ހެޔޮރަޚްމަތާއެކު އަހަރު ތަކެއްވަންދެން ރަށުގައި މެދު ކެނޑިފައި އޮތް ޤުރުއާނުގެ ޢިލްމު ރަށުގެ ކުދިބޮޑު އެންމެނަށް ހޯއްދަވައި ދެއްވުމަށް މިފެށި މަސައްކަތް ކުރިއަށްއޮތް މަދު މަސްތަކުގެ ތެރޭގައި ފެށިގެން ދާނެ،" ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށާއި ޤުރުއާން އުގަންނަވައި ދެއްވުމަށް ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ޝުޖާއު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުން މިއަހަރު އައުޓްރީޗް ސެންޓަރުތައް ގާއިމުކުރުމަށް ނިންމާފައިވާ 50 ރަށުގެ ތެރޭގައި ބާރަށް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!