އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

Ad
rt

އެމްޑީޕީން ބުނި ގޮތުގައި ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެމްޑީޕީގެ މެންބަރަކަށް ވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި މަޖިލިސް އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

އިންތިހާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކުށުގެ ރެކޯޑް ފޯމު ހުށަހަޅަން ޖެހެނީ ގޫގުލް ފޯމު މެދުވެރިކޮށެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ޖޫން 12 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.

މި މަގާމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)އެވެ.