ރާއްޖޭގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާގައި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޑިވިލިމާލެއިން 2022 ގައި ބޯޓަކުން ފުރިފަހުން ބަންގްލަދޭޝްގެ ލިޓަން ވަނީ ގެއްލިފަ އެވެ. އެ މައްސަލާގައި އޭނާއާ އެކު އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރަނީ އޭނާ މޫދަށް ވައްޓާލައިގެން މަރާލި ކަމަށް ބުނެ އެވެ.
އެ ދައުވާ ސާބިތުވާ ކަމަށް ކުރިން ނިންމުމަށްފަހު ނިޒާމް 25 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 10 މަހުގެ މުއްދަތެކެވެ.
އެ މައްސަލާގައި މަރުގެ ދައުވާގެ އިތުރުން ވައްކަމުގެ ދައުވާއަކާއި މަސްތުވާތަކެތީގެ ދައުވާއެއް ވެސް ސާބިތުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަތަކުގައި ވެސް އޭނާގެ މައްޗަށް އޮތީ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!