މުދަލުގެ އަގުތައް ބޮޑުވިޔަނުދިނުމަށްޓަކައި ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ، އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި މި ކޮމިޓީގެ ޗެއާ، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމަށްޓަކައި ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފޯރުކޮށްދެމުންދާ ކަމަށެވެ. ޚާއްޞަކޮށް މުދަލުގެ އަގުތައް އުފުލުނު ނުދިނުމަށްޓަކައި ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ދޭ އެހީތެރިކަން މިހާރު އިތުރުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިޤްތިޞާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ބޭންކިންގް ނިޒާމުގެ ތެރެއިން ރައުސުލްމާލު އަދި ވިޔަފާރި ނަގަހައްޓަން ބޭނުންވާ ފައިސާ ހޯދައިދިނުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަމުންދާ ކަމަށް ކޮމިޓީން ބުންޏެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ މިފަދަ ދަތި ދަނޑިވަޅެއްގައިވެސް ރާއްޖޭގެ އިޤްތިޞާދީ ''ސޯބުތައް'' ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން ކަމަށް ވަޒީރުންގެ ކޮމިޓީން ފާހަގަކުރެއްވިއެވެ.
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް އަންގާފައިވީ ނަމަވެސް، އެކަން ކުރިއަށްދާނީ ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ކަމުގެ ޔަޤީންކަން ކޮމިޓީން ވަނީ ދީފައެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން، ވައިގެ އުދުހުންތަކާއި ދަނޑުވެރިކަން ފަދަ އެއްވެސް ސިނާޢަތެއް ނުހުއްޓި ކުރިއަށްދާނެކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މި ޚާއްޞަ ކޮމިޓީ އެކުލަވާލާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން މިދިޔަ އޭޕްރިލް 15 ގައި ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އާދީއްތަ ދުވަހު ބޭއްވީ އަލަށް އެކުލަވާލި ކޮމިޓީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!