ރާއްޖެއަށް މުދާ ގެނެވޭނެ އިތުރު މަގުތައް ހަމަޖެހި، މުދަލުގެ ސަޕްލައި މިހާރު ކަށަވަރުކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މިނިސްޓަރ ސަޢީދު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް މުދާ ގެނެވޭނެ އިތުރު ބާޒާރުތައް ދެނެގަތުމަށް ޚާރިޒީ ވުޒާރާއާއި ކަމާގުޅުންހުރި އިދާރާތަކުން ކުރި މަސައްކަތުން މިހާރު ވަނީ އައު މަގުތަކެއް ހޯދިފައި ކަމަށެވެ. އެގޮތުން ޗައިނާ، އިންޑިއާ، ތުރުކީވިލާތް އަދި އާސިއާންގެ ޤައުމުތަކުން މުދާ ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ތެލުގެ ސަޕްލައިއަށް ބުރޫ ނާރާނެކަމުގެ ޔަގީންކަން

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުންތަކެއް އަންނަމުންދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. މި ކޮމިޓީގެ ޗެއަރ އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދަތިނުވާނެހެން ތެޔޮ ލިބޭނެ އިންތިޒާމުތައް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.

މީގެ އިތުރުން، މި ދަތި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ތެޔޮ ވަނީ ދޫކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުން ވަނީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކަށް ސަރުކާރުން ވަރަށް ގާތުން ފާރަވެރިވަމުންދާ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.