ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ނިމެންދެން ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރަން ވަގުތީ އަމުރަކަށް އަލީ ހުސައިންގެ ފަރާތުން އެދުނެވެ.
އެ އަމުރާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައިވަނީ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރެއް ނެރެމަކީ މައްސަލާގެ މައުޟޫއުއަށް އަސަރު ކުރާނެ ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
މީގެ އިތުރުން އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށް ވެސް އެ މައްސަލާގައި އެދުނެވެ. ނަމަވެސް އެކަމާ ގުޅިގެން ނިންމި ނިންމުމުގައިވަނީ އެފަދަ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ހިލާފު ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!