ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމަށްވާ ހއ. ތުރާކުނުގައި، އެ ރަށުގެ ޚާއްޞަކަން ރަމްޒުކޮށްދޭ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޗާލު މޮނިއުމަންޓެއް ހުޅުވައިފިއެވެ.

މި ބިނާއަކީ ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްކަން އަންގައިދިނުމުގެ އިތުރުން، އެ ރަށުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ބިނާއެކެވެ.

Ad
rt

ތުރާކުނު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މޮނިއުމަންޓް ފަރުމާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނޭ ސަމުގާ އިން ރަމްޒުކޮށްދެނީ އެ ރަށަކީ ޖިއޮގްރަފީ ގޮތުން ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށްކަމާއި، ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ނެވިންތަކެއް އުޅުނު ރަށެއް ކަމެވެ.

މީގެ އިތުރުން، މި ބިނާގައި ހިމެނޭ ހިބަރުގެ ބައިން ރަމްޒުކޮށްދެނީ ތުރާކުނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. މިއީ އެ ރަށުގައި ކުރާ މޫސުމީ ހިބަރު މަސްވެރިކަމާއި، ރަށުގެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަން ދައްކުވައިދޭ ރަމްޒެކެވެ. އަދި މިއީ އެ ރަށުގެ އާދަކާދަތަކާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއްކަން ކައުންސިލުން ފާހަގަކުރެއެވެ.

މި މޮނިއުމަންޓްގައި ހިމެނޭ ތިންވަނަ މުހިންމު ބަޔަކީ އުތުރު ބައްތި އެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ އުތުރު ރަމްޒުކޮށްދޭ ތާރީޚީ ބިނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ބަޔެކެވެ. މި ބިނާގެ ސަބަބުން ރަށުގެ ރީތިކަން އިތުރުވެ، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށުގެ ތާރީޚާއި އަމިއްލަވަންތަކަން ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.