ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މާލީ ކަންކަމާ ބެހޭ ވުޒާރާއިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގައިފިއެވެ.
މާލީ ވުޒާރާއިން މިގޮތަށް އަންގަވާފައިވަނީ 17 އެޕްރީލް 2026 ގައި ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، މާލީ މެނޭޖްމަންޓް ހަރުދަނާކޮށް ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އަޅުއްވާ ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.
މުވައްޒަފުން މަދުކުރުމުގެ އިތުރުން، ކުންފުނިތަކަށް އައު މުވައްޒަފުން ނެގުމާއި، މަގާމުގެ ކުރިއެރުން ދިނުމުގެ އިތުރުން އިތުރުގަޑީގެ މަސައްކަތްތައް ކޮންޓްރޯލް ކުރުމަށް ވެސް މާލީ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ. މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ވަޒީފާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ތައުލީމާއި ހުނަރަށް ބަލައިގެން މީހުން އައްޔަންކުރާ 'މެރިޓް ބޭސްޑް' އުސޫލު ހަރުދަނާކުރުމަށް ވެސް ޕީސީބީއަށް ވަނީ އަންގާފައެވެ. މީގެ ބޭނުމަކީ ކުންފުނިތަކަށް އެންމެ އެކަށީގެންވާ ގާބިލު މީހުން އައްޔަންކުރުން ކަށަވަރުކުރުމެވެ.
މި ނިންމުންތަކުގެ މައިގަނޑު މަގްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މާލީ ގޮތުން ދެމެހެއްޓެނިވި، އަދި ހިންގުންތެރި ނަތީޖާ ނެރޭ ތަންތަނަށް ހެދުން ކަމަށް މާލީ ވުޒާރާއިން ފާހަގަކޮށްފައެވެ.
މާލީ ވުޒާރާގެ މި އެންގުމާއެކު ޕީ.ސީ.ބީގެ ސާކިއުލަރަކުން ވަނީ މި ނިންމުން ތަންފީޒުކުރަށް ސަރުކާރުގެ ކުންފުނިތަކަށް އިއްޔެ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!