އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ހދ. ނޭކުރެންދޫ ހިމެނިއްޖެއެވެ.

ކެލާ އަދި ނޭކުރެންދޫގައި ވާދަކުރާ ކެންޑިޑޭޓުން

Ad
rt

ހއ. ކެލާ: ކެލާގައި ދެވަނަ ބުރު ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށެވެ. އެ މަގާމަށް ވާދަކުރަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ޙައްވާ ފަޒުނާ އެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި މި ދެ ކެންޑިޑޭޓުން އެއްވަރުވެފައި ވަނީ ކޮންމެ ކެންޑިޑޭޓަކަށް 587 ވޯޓު ލިބިގެންނެވެ.

ހދ. ނޭކުރެންދޫ: ނޭކުރެންދޫ ގައި ދެވަނަ ބުރު ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ދެ ކެންޑިޑޭޓުން އެއްވަރުވެގެންނެވެ. އެ ދެ ކެންޑިޑޭޓުންނަކީ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް ފާޠިމަތު ރިއުޒާ އާއި އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް ފާޠިމަތު ނިޝާދާ އެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި މި ދެ ކެންޑިޑޭޓުން އެއްވަރުވެފައި ވަނީ ކޮންމެ ކެންޑިޑޭޓަކަށް 300 ވޯޓު ލިބިގެންނެވެ.

މި ދެ ރަށުގެ އިތުރުން ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަ ގޮނޑީގެ އިތުރުން ލ. މާވަށް ޑަބްލިޔުޑީސީ މެންބަރު ހޮވުމަށްވެސް ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރުގެ ވޯޓުލުން އޮންނާނީ 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު އެވެ. ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި ބުރުގެގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 19 ވާ އާދިއްތަ ދުވަހު ކަމަށްވެސް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.