އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެން، ސްޕެއިންއިން އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވަން ނިންމައިފިއެވެ.
ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް ބުރާސްފަތި ދުވަހު ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ދާދިފަހުން ވެވުނު ސުލްހައިގެ އެއްބަސްވުމަށް ބާރުއެޅުމުގެ ގޮތުން ތެހެރާންގައި ހުންނަ އެމްބަސީ އަލުން ހުޅުވަން ނިންމާފައިވާ ކަމަށެވެ.
''އެލް ޕައިސް'' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ މާރިޗު މަހުގެ 7 ވަނަ ދުވަހު ވަގުތީ ގޮތުން ބަންދުކުރި އެމްބަސީގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި، ސްޕެއިންއިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެންޓޯނިއޯ ސަންޗޭޒް-ބެނެޑިޓޯ އެނބުރި ތެހެރާނަށް ވަޑައިގަތުމަށް މިނިސްޓަރު މިހާރު ވަނީ އަންގަވާފައެވެ.
ސްޕެއިންގެ ކޮންގްރެސްއަށް ވަޑައިގެން ވާހަކަދައްކަވަމުން އަލްބަރޭސް ވިދާޅުވީ، މި ނިންމުމަކީ ދެ ހަފުތާގެ މުއްދަތަށް ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސަބަބުން އުފެދިފައިވާ "އާ ހާލަތަށް" ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ ފޯނުން ގުޅުއްވައި މި ނިންމުން ހިއްސާކުރައްވާފައިވާ ކަމަށާއި، މިއީ ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ސްޕެއިންގެ ބައިވެރިވުން އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަލްބަރޭސް ވަނީ ސަރަހައްދީ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާވެސް މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި އޮމާން، ގަތަރު، ބަހްރައިން، ކުވެއިތު އަދި ލުބުނާނުގެ ފޮރިން މިނިސްޓަރުން ހިމެނެއެވެ.
ލުބުނާނުގެ ފޮރިން މިނިސްޓަރު ޔޫސުފް ރާޖީއާ ވާހަކަދައްކަވަމުން، އިސްރާއީލުން ލުބުނާނަށް ދެމުންދާ "އިންސާނިއްޔަތާ ހިލާފު، ރަހުމުކުޑަ" ހަމަލާތަކާ ދެކޮޅަށް ސްޕެއިން އޮތްކަން ހާމަކުރައްވައި، އެއީ މުޅި އިންސާނިއްޔަތުގެ ކަރާމާތަށް ހުރި ހުތުރެއްގެ ގޮތުގައި އަލްބަރޭސް ސިފަކުރެއްވިއެވެ.
އެމެރިކާގެ ނިންމުންތަކަށް ތާއީދުނުކުރާ ގައުމުތަކުގައި (ސްޕެއިން އަދި ޖަރުމަނު ހިމެނޭހެން) ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރަން އުޅޭކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓާ ގުޅޭގޮތުން ސުވާލުކުރުމުން، އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްޕެއިންގައި ހުންނަ ރޮޓާ އަދި މޮރޯން އެއާ ބޭސް ބޭނުންކުރުމާ ގުޅޭގޮތުން އެމެރިކާއާއެކު ދެމުންދާ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، އެ ދެ ތަނުގެ މަސައްކަތްތައްވެސް އާންމު ހާލަތެއްގައި ކުރިއަށްދާ ކަމަށެވެ.
އީރާނާއި އެމެރިކާއިން ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. މިއީ ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި، ގިނަ ބަޔަކު މަރުވެ އަދި ޒަހަމްވި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެވޭ ދާއިމީ އެއްބަސްވުމަކަށް މަގުފަހިކުރުމަށް އެޅުނު ފިޔަވަޅެކެވެ.
މި އެއްބަސްވުން އިއުލާންކޮށްފައިވަނީ، ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުހުލަތު ހަމަވާން ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ. ޓްރަމްޕް މީގެ ކުރިން ތަކުރާރުކޮށް އިންޒާރު ދީފައިވަނީ މި ހުށަހެޅުންތަކަށް އީރާނުން އެއްބަސްނުވެއްޖެނަމަ، "މުޅި ހަޟާރާތެއް ސުންނާފަތިކޮށްލާނެ" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!