އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން، އެ މައްސަލައިގެ ހާއްސަ ތަހުގީގެއް ފަށައިފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގައެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާތީ، ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
"ހަގީގަތާ ހިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް މީޑިއާތަކަށް އިލްތިމާސްކުރަން" ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށާއި ކަރާމާތަށް އިހުތިރާމް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ކުއްޖާއަށް އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!