ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ރައްކާތެރިކުރުމުގައި ސައިންސުގެ އަލީގައި ކުރެވޭ ގުޅިފައިވާ މަސައްކަތްތަކުގެ މުހިންމުކަން އަލުން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި "ވަން ހެލްތު" އިސްނެގުމުގެ މައިގަނޑު ބާރަކަށް ވާންޖެހޭނީ ސައިންސުގެ މައްޗަށް ބިނާވެފައިވާ އުސޫލުތައް ކަމަށާއި، ސިއްހީ ސިޔާސަތުތަކަކީ ސައިންސުން ސާބިތުވެފައިވާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ކަންކަންކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުން

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ސައިންސުގެ އިލްމުގެ މައްޗަށް ސިއްހީ އިސްތިރާތީޖީތައް ބިނާކުރުމުގެ ސަގާފަތެއް ގާއިމުކޮށްފައިވާ ކަމަށެވެ. މިގޮތުން ޑިޖިޓަލް ހެލްތު ފުޅާކޮށް، ސިއްހީ މައުލޫމާތުގެ ނިޒާމުތައް އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި، ބަލިތައް ކުރިއާލާ ދެނެގަތުމަށް އިސްކަންދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ބިނާވެފައިވަނީ ޒަމާނީ ސައިންސާއި ޓެކްނޮލޮޖީގެ މައްޗަށް ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ބައިނަލްއަގުވާމީ ގުޅުންތަކާއި ތަހުނިޔާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އާއި ބައިނަލްއަގުވާމީ އެހެނިހެން އިދާރާތަކާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުމުގެ ސަބަބުން، ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކުގެ މަންފާ ރާއްޖެއަށް ލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ގައުމުތަކަށް އިލްތިމާސްކުރައްވާފައެވެ.

މި ހާއްސަ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ސިއްހީ ދާއިރާގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ "ސިއްހަތަށްޓަކައި އެކުގައި، އަދި ސައިންސާއެކު ސާބިތުވެ ތިބުމަށް" އަޒުމް ކަނޑައެޅުމަށް ގޮވާލައްވަމުންނެވެ.