ތ. ވޭމަންޑޫ ބިން ހިއްކުމުގު މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަސައްކަތަށް ޖުމްލަ 882,693.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ.

Ad
rt

މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 12 މާރިޗު 2026 ގައެވެ. އަދި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް 04 އެޕްރީލް 2026 ގައި ނިންމާލާފައިވާއިރު، މުޅި މަޝްރޫޢު ނިންމުމަށް ހޭދަވެފައިވަނީ އެންމެ 23 ދުވަހެވެ. މިއީ ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާލެވުނު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

1300 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ވޭމަންޑޫއަށް މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، އިޤްތިޞާދީ ގޮތުން އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އެހެންވެ، މިއީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދެކެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ދެން ކުރިއަށްދާނީ ހިއްކި ބިން ޙިމާޔަތްކުރުމުގެ މަސައްކަތެވެ.