އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ދެއްވާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެކަން ހާމަކޮށް، އީރާނުގެ ރައްޔިތުން ރޭލު ބޭނުން ނުކުރުމަށާއި ރޭލު ސްޓޭޝަންތަކާއި ކައިރި ނުވުމަށް އިޒްރޭލު ސިފައިން އިންޒާރުދީފިއެވެ.
"ތިޔަބޭފުޅުންގެ ސަލާމަތަށްޓަކައި، މިވަގުތުން ފެށިގެން އީރާނު ގަޑިން 21:00 (ޖީއެމްޓީން 17:30) އާ ހަމައަށް، މުޅި އީރާނުގައި ރޭލު ބޭނުންކުރުމާއި ރޭލުގައި ދަތުރުކުރުމުން ދުރުހެލިވުމަށް އަހަރެމެން އެދެން،" އިޒްރޭލު ސިފައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
"ރޭލުތަކުގައާއި ރޭލު ސްޓޭޝަން ކައިރީގައި ތިޔަބޭފުޅުން ތިއްބެވުމަކީ ފުރާނައަށް ނުރައްކާވާނެ ކަމެއް" އިޒްރޭލު ސިފައިންގެ ފާރިސީ ބަހުން ހިންގާ އެކައުންޓުގައި އިތުރަށް ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންގާރަ ދުވަހުގެ ރޭ އީއެސްޓީ ގަޑިން 8 ޖަހާއިރު (ޖީއެމްޓީން ބުދަ ދުވަހުގެ 01:00) އާ ހަމައަށް އީރާނުން ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އެ ގައުމުގެ ބްރިޖުތަކާއި އިންޖީނުގެތަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އީރާނުން ބަދަލުގައި ބުނެފައިވަނީ އެ ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފިނަމަ "ބިރުވެރި" ރައްދު ހަމަލާއެއް ދޭނެ ކަމަށެވެ.
މީގެ ކުރިން އިޒްރޭލު ސިފައިން ބުނެފައިވަނީ ތެހެރާން ހިމެނޭ ގޮތަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ދިން އާ ވައިގެ ހަމަލާތަކެއް ދާދި ފަހުން ނިންމާލާފައިވާ ކަމަށެވެ.
އީރާނުގެ މެހެރް ނިއުސް އެޖެންސީން ބުނި ގޮތުގައި، އެންމެ ފަހުން ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ތެހެރާންގެ މެދުތެރޭގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އަރާފައިވާއިރު، އެ އިމާރާތާ އިންވެގެން ހުރި ޔަހޫދީ ފައްޅިއެއް (ސިނަގޮގް) ވެސް ވަނީ ސުންނާފަތިވެފައެވެ.
ހޯމަ ދުވަހު އިޒްރޭލު ސިފައިން ވަނީ ގަތަރާ ހިއްސާކުރާ ސައުތު ޕާސް ގޭސް ދަނޑުގެ އީރާނު ފަޅީގައި ހުރި ޕެޓްރޯކެމިކަލް މަރުކަޒަކަށް ހަމަލާދީފައެވެ.
މީގެ ފަސް ހަފުތާއަށްވުރެ ގިނަ ދުވަސް ކުރިން ހަނގުރާމަ ފެށުނު ފަހުން، އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުން މަދުވެގެން 2,076 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!