ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ.

Ad
rt

ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރު ހުކުމްކުރި އެވެ. ނަމަވެސް އެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިދިޔަ އަހަރު އެންގީ ސަމާހުގެ އިއުތިރާފް އެކަނި ބިނާކޮށް ކުށް ސާބިތު ނުކުރެވޭތީ އެވެ.

އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށްފަހު، ސަމާހުގެ މައްޗަށް ކުށް ސާބިތުވާތީ އާއި އާދަމް ހަލީމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާތީ އޭނާ މެރުމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ސަމާހު މަރަން ހުކުމްކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުހަލާ ނިމުމުންނެވެ.