އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭތާ ފަސްވަނަ ހަފުތާއަށް ދާއިރު، އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު ކަމާލް ޚަރާޒީ އަވަހާރަކޮށްލަން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ވެ، އޭނާގެ އަނބިކަނބަލުން އަވަހާރަވެއްޖެއެވެ.

އީރާނުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުގައި ހުންނަ ޚަރާޒީގެ ގެއަށް ވައިގެ މަގުން ހަމަލާދީފައިވަނީ އޭގެ ކުރީ ދުވަހުއެވެ. ''ޝަރުގް''، ''އިޢުތިމާދު'' އަދި ''ހަމް މީހާން'' ފަދަ ނޫސްތަކުން ބުނާ ގޮތުގައި، ސީރިއަސް އަނިޔާތަކަކާއެކު ޚަރާޒީ މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Ad
rt

"ކުރީގެ ޚާރިޖީ ވަޒީރު ކަމާލް ޚަރާޒީ އަވަހާރަކޮށްލަން ދިން ކަމަށް ބެލެވޭ ހަމަލާއެއް އަޅުގަނޑުމެންނަށް މިވަނީ ފެނިފައި، އޭނާއަށް އަމާޒުކޮށް ހަމަލާދިން ސަބަބެއް އަދި ނޭނގޭ. އޭނާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައި، އަދި އޭނާގެ އަނބިކަނބަލުން ވަނީ އަވަހާރަވެފައި،" ތެހެރާނުން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ މުޙައްމަދު ވަލް ބުންޏެވެ.

ބުރާސްފަތި ދުވަހު ތެހެރާން، އިސްފަހާން އަދި ޝީރާޒް ހިމެނޭ ގޮތަށް އީރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ލާރެސްތާނުން ހަތަރު މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އީރާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ހުސައިން ކަރްމަންޕޫރު ވިދާޅުވީ، 1920 ވަނަ އަހަރު އުފެއްދި މެޑިކަލް ރިސާޗް ސެންޓަރެއް ކަމަށްވާ ޕާސްޗަރ އިންސްޓިޓިއުޓް އޮފް އީރާނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަރްމަންޕޫރު ވަނީ، ތެހެރާނުގައި ހުރި "ދުނިޔޭގެ ސިއްހީ ދާއިރާގެ ގަރުނެއްވީ ތަނބަށް" ދިން މި ހަމަލާއަކީ "ބައިނަލްއަގުވާމީ ސިއްހީ ރައްކާތެރިކަމަށް ދިން ސީދާ ހަމަލާއެއް" ކަމަށް ސިފަކުރައްވާފައެވެ.

މިދަނޑިވަޅުގައި، އެމެރިކާ އާއި އިސްރާއީލަށް "ދާއިމީ ހިތާމައާއި އަމާންދިނުމާ" ކުރިމަތިލާން ޖެހެންދެން މެދުއިރުމަތީގެ ހަނގުރާމަ ތެހެރާނުން ކުރިއަށް ގެންދާނެ ކަމަށް ސިފައިންގެ ޔުނިފައިޑް ކޮމާންޑްގެ ތަރުޖަމާނު ވިދާޅުވި ކަމަށް ސެމީ އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

ޚާތަމް އަލް-އަންބިޔާ މަރުކަޒީ ހެޑްކުއާޓާގެ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ ވިދާޅުވީ، އީރާނުގެ އަސްކަރީ ގާބިލުކަމާ މެދު އެމެރިކާ އާއި އިސްރާއީލުން ކުރާ އަންދާޒާތަކަކީ "އަދި ފުރިހަމަ ނޫން" އަންދާޒާތަކެއް ކަމަށާއި، ދެން ދޭ ހަމަލާތައް "މާ ވަރުގަދަ، ފުޅާ އަދި މާ ބޮޑަށް ހަލާކުކޮށްލަނިވި" ވާނެ ކަމަށެވެ.

މި އިންޒާރު ދީފައިވަނީ، އީރާނު އޮތީ "އަސާސީ ގޮތުން ސުންނާފަތިވެފައި" ކަމަށާއި އެމެރިކާގެ އަސްކަރީ މަގްސަދުތައް ހާސިލުވަމުންދާ ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ހަފުތާތަކުގައި އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، "ހަނގުރާމަ، މަޝްވަރާ، ހަނގުރާމަ ހުއްޓާލުން، އަދި އަނެއްކާވެސް ހަމަ އެގޮތަށް ކަންތައް ތަކުރާރުވުމުގެ މި ނުބައި ބުރު" ތެހެރާނުން ބަލައިނުގަންނާނެ ކަމަށެވެ.

"މިއީ އީރާނުގެ ރައްޔިތުންގެ މައްޗަށް މަޖުބޫރުކޮށްފައިވާ ބޭއިންސާފު ހަނގުރާމައެއް. ވަރުގަދައަށް ރައްދު ހަމަލާދިނުން ނޫން އިތުރު ގޮތެއް އަޅުގަނޑުމެންނަކަށް ނެތް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން އީރާނުން 2،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިސްރާއީލުން މަދުވެގެން 24 މީހުން މަރުވެފައިވާއިރު، އެ ސަރަހައްދުގައި ތިބި އެމެރިކާގެ 13 ސިފައިން ވެސް ވަނީ މަރުވެފައެވެ.

ބުދަ ދުވަހުގެ ރޭ އީރާނުން ދިން މިސައިލް ހަމަލާއެއްގައި ތަލް އަވީވްގެ އިރުމަތީގައި އޮންނަ ބްނޭ ބްރަކް އިން މަދުވެގެން އިސްރާއީލްގެ ހަތަރު މީހުން ވަނީ ޒަޚަމްވެފައެވެ. އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ބުރާސްފަތި ދުވަހު ވަނީ ރޮކެޓް ހަމަލާތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ދީ، ރައްކާތެރިކަމުގެ ހިޔާވަހިކަން ހޯދުމަށް އާންމުންނަށް އިރުޝާދު ދީފައެވެ.