މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ "ބިންވެރިޔާ" ހާއްސަ ސްކީމްގެ ދަށުން ރަސްމާލެއިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ފުރުސަތުގެ ދަށުން ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯތިތަކެކެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހާއްސަކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ.
އެގޮތުން، ގޯއްޗަށް އެދި ހުށައެޅޭނީ ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކަށާއި، މީގެ ކުރިން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން މި ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށެވެ. މި ސްކީމަށް އެޕްލިކޭޝަން ހުށައަޅަންޖެހެނީ ހައުސިންގ މިނިސްޓްރީގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.
ރަސްމާލެ މަޝްރޫޢަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.
ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ތެރެއިން ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ. މި މަހުގެ 30 ގެ ކުރިން ޝަރުތު ހަމަވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!