ހއ. ތުރާކުނު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބިނާކުރި އެކްސްޓެންޝަން އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

މި އާ އިމާރާތް ހުޅުއްވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

Ad
d

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިގްތިސޯދާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު، ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ، އަދި ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން ސިއްހީ ވުޒާރާގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވުމަށްފަހު، ވަޒީރު ޢަބްދުﷲ ނާޒިމް ވަނީ ތުރާކުނު ޞިއްޙީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޞިއްޙީ މަރުކަޒުގެ މިހާރުގެ ހާލަތު އޮޅުންފިލުއްވައި، ރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ތުރާކުނު ސިއްހީ މަރުކަޒުގެ އެކްޓެންޝަން އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ވަޒީރު އެތަން ބައްލަވައިލައްވައި ޑޮކްޓަރާއި ވާހަކަ ދައްކަވައިލައްވަނީ، ފޮޓޯ: ހެލްތް މިނިސްޓްރީ

ތުރާކުނު ސިއްހީ މަރުކަޒުގެ އެކްޓެންޝަން އިމާރާތާއެކު ތުރާކުނު ޞިއްޙީ މަރުކަޒުގައި އޮފީހަކާއި، މީޓިން ހޯލަކާއި، ފަބްލިކް ހެލްތް އޮފީހެއްގެ އިތުރުން ސްޓޯ އަދި ލޯންޑްރީ ޖާގަ ވަނީ އިތުރުކޮށްފައެވެ. މި މަޝްރޫޢުގެ އަގަކީ 3.4 މިލިއަން ރުފިޔާއެވެ.

ތުރާކުނުގެ އިތުރުން، ހއ. އަތޮޅުގެ ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިއްޔެ ވަނީ އެ އަތޮޅުގެ ތިން ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތްވެސް ރަސްމީކޮށް ފަށާފައެވެ. އެގޮތުން މާރަންދޫ، ވަށަވަރު އަދި އުތީމު ޞިއްޙީ މަރުކަޒުގެ ލެބޯޓަރީގެ ޚިދުމަތް އިއްޔެ ވަނީ އިފްތިތާޙްކޮށްފައެވެ.

މި މަޝްރޫޢުތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އަސާސީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތްތަކެކެވެ.

Ad
df

ތުރާކުނު ޞިއްޙީ މަރުކަޒުގެ އެކްޓެންޝަން އިމާރާތުގެ މަޝްރޫޢު "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކޮށްފައި ވަނީ 31 ޖުލައި 2025 ގައެވެ.