ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމުގެ މަސްލަހަތަށާއި އިޤްތިސާދަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ހޭލުން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް ވަނީ މި ބަދަލަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އަންނަންޖެހޭ މުހިންމު އިސްލާހެއްކަން ފާހަގަކުރައްވާފައެވެ.
ޤާސިމް ވިދާޅުވި ގޮތުގައި މިހާތަނަށް ކޮންމެ ވެރިއަކު އިންތިޚާބުވުމަށްފަހު، ފުރަތަމަ ހަ މަސް ދުވަހު މުޅި އަމާޒު ހިފަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން ހޯދުމަށެވެ. މީގެ ސަބަބުން ވެރިކަމުގެ ކުރީކޮޅު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ސިޔާސީ ބާރުވެރިކަން ހޯދުމަށް އިސްކަންދެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލައިގެން ބޭއްވީމާ ރައީސުލްޖުމްހޫރިއްޔާއަކަށް އަންނަ މީހާ އަށް ރައްޔިތުންގެ މަޖިލިސް ލިބުނިއްޔާ ލިބުނީ. ނުލިބުނިއްޔާ ނުލިބުނީ. ރައްޔިތުންގެ މަޖިލިސް ނުލިބިއްޖިއްޔާ އަނެއްކާ އޭނާ ކަންތައް ކުރަންވީ ގޮތަކަށް ކަންތައް ކުރާނެތާ ވެރިކަމަށް އަންނަ މީހަކު،" ޤާސިމް ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ އިޖުތިމާޢީ އަދި އިޤްތިސާދީ ގޮތުން ޤައުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. ޚާއްޞަކޮށް އިންތިޚާބުތަކަށް ކުރާ ބޮޑެތި ޚަރަދުތައް ކުޑަކުރެވި، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތު ދެމެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ކުރިންވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށާއި، ޤައުމަށް ހެޔޮއެދޭ އެއްވެސް މީހަކު މިކަމާ ދެކޮޅު ހަދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަނީ ދިވެހި ޤައުމަށް ހެޔޮއެދޭ އިޚްލާސްތެރި، އެއްވެސް މީހަކު މިއާ ދެކޮޅަށް ވޯޓުލާކަށް އަޅުގަނޑަކަށް ނުފެެނޭ. އަޅުގަނޑަށް ފެންނަނީ މިއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. އިނގިރޭސިބަހުން ދަންނަވާނަމަ ލޯންގް އޮވަޑިއުއެއް މިއީ،" ޤާސިމް އިތުރަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!