އީރާނާ ގުޅުންހުރި ހެކަރުން އެފް.ބީ.އައި ގެ ޑައިރެކްޓަރު ކޭޝް ޕަޓޭލްގެ އަމިއްލަ އީމެއިލް އިންބޮކްސްއަށް ވަދެގަނެ، އޭނާގެ ފޮޓޯތަކާއި އެހެނިހެން ލިޔެކިޔުންތައް އިންޓަނެޓުގައި އާންމުކޮށްފައިވާ ކަމަށް ހެކަރުންނާއި ބިއުރޯއިން ހުކުރު ދުވަހު ބުނެފިއެވެ.

ހެކަރުންގެ ގްރޫޕެއް ކަމަށްވާ "ހަންޑަލާ ހެކް ޓީމް" ގެ ވެބްސައިޓުގައި ބުނެފައިވަނީ، ކާމިޔާބުކަމާއެކު ހެކްކޮށްފައިވާ މީހުންގެ ލިސްޓުން މިހާރު ޕަޓޭލްގެ ނަން ފެންނާނެ ކަމަށެވެ. ހެކަރުން ވަނީ ޕަޓޭލް ސިގަރޭޓް ބޯން ހުންނަ ފޮޓޯތަކާއި، އާސާރީ ކާރެއްގައި އިންނަ ފޮޓޯތަކާއި، އަދި ބޮޑު ރަމް ފުޅިއަކާއެކު ލޯގަނޑު ކުރިމަތީގައި ހުރެ އަމިއްލައަށް ފޮޓޯ ނަގަން ހުންނަ ފޮޓޯތަކެއް ހިމެނޭހެން އޭނާގެ އަމިއްލަ ފޮޓޯތަކެއް އާންމުކޮށްފައެވެ.

Ad
rt

ޕަޓޭލްގެ އީމެއިލްތަކަށް ހަމަލާދީފައިވާކަން އެފް.ބީ.އައި އިން ވަނީ ކަށަވަރުކޮށްދީފައެވެ.

"މި ހަރަކާތާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ" ކަމަށާއި، އާންމުވެފައިވާ މައުލޫމާތަކީ "މާޒީގެ މައުލޫމާތުތަކެއް ކަމަށާއި އޭގެތެރޭގައި ސަރުކާރުގެ އެއްވެސް މައުލޫމާތެއް ނުހިމެނޭ" ބިއުރޯގެ ތަރުޖަމާނު ބެން ވިލިއަމްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފަވެއެވެ.

ފަލަސްތީނަށް ތާއީދުކުރާ ހެކަރުންގެ ގްރޫޕެއްގެ ގޮތުގައި އަމިއްލައަށް ތައާރަފުވާ ހަންޑަލާ އަކީ، އީރާން ސަރުކާރުގެ ސައިބަރ އިންޓެލިޖެންސް ޔުނިޓްތަކުން ބޭނުންކުރާ އެކި ނަންތަކުގެ ތެރެއިން އެއް ނަން ކަމަށް ހުޅަނގުގެ ދިރާސާވެރިން ގަބޫލުކުރެއެވެ. ހަންޑަލާ އިން ދާދިފަހުން ވަނީ މާޗް 11 ގައި މިޝިގަންގެ މެޑިކަލް ޑިވައިސް ކުންފުންޏެއް ކަމަށްވާ ސްޓްރައިކާ ހެކްކޮށް، އެ ކުންފުނީގެ ގިނަ އަދަދެއްގެ ޑޭޓާ ފޮހެލާފައިވާ ކަމަށް ބުނެފައެވެ.

ޕަޓޭލްގެ ފޮޓޯތަކުގެ އިތުރުން، ހެކަރުން ވަނީ 300 އަށްވުރެ ގިނަ އީމެއިލްގެ ސާމްޕަލްއެއް އާންމުކޮށްފައެވެ. މީގެ ތެރޭގައި 2010 އާއި 2019 އާ ދެމެދުގެ އަމިއްލަ އަދި މަސައްކަތާ ގުޅުންހުރި މުއާމަލާތްތައް ހިމެނޭ ކަމަށް ފެނެއެވެ.

މި މެސެޖުތަކުގެ ސައްހަކަން މިނިވަންކަމާއެކު ކަށަވަރު ކުރެވިފައިނުވި ނަމަވެސް، ހަންޑަލާ އިން ހެކްކުރި ކަމަށް ބުނާ ޖީމެއިލް އެޑްރެހަކީ، މީގެ ކުރިން ހިނގާފައިވާ ޑޭޓާ ބްރީޗްތަކުގައި ޕަޓޭލްއާ ގުޅުންހުރި އެޑްރެހެއްގެ ގޮތުގައި ޑާކް ވެބް އިންޓެލިޖެންސް ފާމް "ޑިސްޓްރިކްޓް 4 ލެބްސް" އިން ފާހަގަކޮށްފައިވާ އެޑްރެހެކެވެ. ޖީމެއިލް ހިންގާ ގޫގުލް އިން މިކަމާ ގުޅޭގޮތުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ވޭތުވެދިޔަ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު، ފުރަތަމަ މަޑުމައިތިރިކޮށް ތިބި އީރާނާ ގުޅުންހުރި ހެކަރުން، މިހާރު ދަނީ އެމީހުންގެ ސައިބަރ އޮޕަރޭޝަންތަކާ މެދު ފަޚުރުވެރިވެ ވާހަކަދައްކަމުންނެވެ.

ސްޓްރައިކާ އަށް ދިން ހަމަލާގެ އިތުރުން، މެދުއިރުމަތީގައި ތިބި ޑިފެންސް ކުންފުނި "ލޮކްހީޑް މާޓިން" ގެ އެތައް މުވައްޒަފުންގެ އަމިއްލަ މައުލޫމާތު އާންމުކޮށްފައިވާ ކަމަށްވެސް ބުރާސްފަތި ދުވަހު ހަންޑަލާ އިން ބުނެފައިވެއެވެ. ލޮކްހީޑް މާޓިން އިން ނެރުނު ބަޔާނެއްގައި ބުނީ، މި ރިޕޯޓްތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ވިޔަފާރިއަށް ކުރިމަތިވާ ސައިބަރ ނުރައްކާތައް ކުޑަކުރުމުގެ އުސޫލުތައް ގާއިމުކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ ސައިބަރ ސެކިއުރިޓީ ކުންފުނި "ޗެކް ޕޮއިންޓް" ގެ ޗީފް އޮފް ސްޓާފް ގިލް މެސިންގް ވިދާޅުވީ، ޕަޓޭލްއާ ދެކޮޅަށް ހިންގި މި އޮޕަރޭޝަނަކީ އެމެރިކާގެ އޮފިޝަލުން ލަދުގަންނުވާލައި، އެމީހުންނަކީ ނުރައްކަލަށް ހުށަހެޅިފައިވާ ބައެއްކަން އިހުސާސްކޮށްދިނުމަށް އީރާނުން ގެންގުޅޭ އިސްތިރާތީޖީގެ ބައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އީރާނުން ދަނީ "އެމީހުންގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް ބޭނުންކުރަމުން" ކަމަށެވެ.

ބޭރުގެ ހެކަރުން އިސް އޮފިޝަލުންގެ އަމިއްލަ އީމެއިލްތަކަށް އަމާޒުކުރުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އަދި މިފަދަ ހެކްކުރުންތަކާއި މައުލޫމާތު ލީކުވުންތައް ދުވަސްވަރުން ދުވަސްވަރަށް ހިނގަމުންދެއެވެ.މަޝްހޫރު ގޮތެއްގައި، 2026 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން ހެކަރުން ވަނީ ހިލަރީ ކްލިންޓަންގެ ކެމްޕޭން ޗެއާމަން ޖޯން ޕޮޑެސްޓާގެ އަމިއްލަ ޖީމެއިލް އެކައުންޓަށް ވަދެ، އޭގެ ގިނަ މައުލޫމާތުތަކެއް ވިކިލީކްސް ސައިޓުގައި އާންމުކޮށްފައެވެ. 2015 ވަނަ އަހަރު، ފުރާވަރުގެ ހެކަރުންތަކެއް ވަނީ އޭރުގެ ސީ.އައި.އޭ ޑިރެކްޓަރު ޖޯން ބްރެނަންގެ އަމިއްލަ އޭ.އޯ.އެލް އެކައުންޓަށް ވަދެ، އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާ ބެހޭ މައުލޫމާތުތަކެއް ލީކުކޮށްލާފައެވެ.

''ރޮއިޓާސްއިން'' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަދަ ނިސްބަތުން އާދައިގެ ހެކްކުރުންތަކަކީ، މާރިޗު ދެ ވަނަ ދުވަހު އެ ނޫސް އެޖެންސީއިން މުރާޖައާކުރި އެމެރިކާގެ އިންޓެލިޖެންސް އެސެސްމަންޓަކާ އެއްގޮތް ކަންތައްތަކެކެވެ. އެ އެސެސްމަންޓުގައި ބުނެފައިވަނީ، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނާއި އެގައުމަށް ތާއީދުކުރާ ގްރޫޕްތަކުން އެމެރިކާގެ ޑިޖިޓަލް ނެޓްވޯކްތަކަށް އަމާޒުކޮށް އާދައިގެ ހެކްކުރުންތަކެއް ހިންގައިފާނެ ކަމަށެވެ.

އީރާނާ ގުޅުންހުރި ހެކަރުންގެ އަތުގައި އިތުރު އީމެއިލްތަކެއް ރައްކާކުރެވިފައި ހުރެދާނެކަމަށް ވެސް ރޮއިޓާސް އިން ބުނެފަވެއެވެ.

މިދިޔަ އަހަރު، "ރޮބަޓް" ގެ ނަމުގައި ހަރަކާތްތެރިވާ އެހެން ގްރޫޕަކުން ރޮއިޓާސްއަށް ބުނެފައިވަނީ، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް އެހެން ފަރާތްތަކުގެ އަތުން ވަގަށް ނަގާފައިވާ 100 ގިގަބައިޓްގެ މައުލޫމާތު ހާމަކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ.