ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސްގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝިޔާމާއި އައިކްގެ ފަރާތުން ބުނެފައިވަނީ ވޯޓުގައި ރައްޔިތުންނާ ކުރާ ސުވާލަކީ ގާނޫނު އަސާސީއާ އެއްގޮތަށް އޮތް ސުވާލެއް ނޫން ކަމަށެވެ. އަދި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާއިރު, އެކަން ސުވާލުން ސާފުނުވާ ކަމަށް އެ ވަކީލުން ބުންޏެވެ.
އެ ބިލު މަޖިލީހުން ފާސްކުރުމުގައި އަމަލުކުރި އިޖުރާއަތްތަކާ މެދު ވެސް އެ ވަކީލުން ކަންބޮޑުވުން ފާޅުކުރި އެވެ.
ނަމަވެސް ދައުލަތުގެ ފަރާތުން އެދުނީ ރައީސް ނެރުނު ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފް ސުވާލެއް ނޫން ކަމަށް ނިންމައިދިނުމަށެވެ. އަދި ސުވާލުގެ އިބާރާތް ފަރުމާ ކުރުމަކީ ރައީސްގެ އިހްތިޔާރެއް ކަމަށާއި އެހެންވެ އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފުރުސަތު ދިނުމަށްފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!