ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަކްރަމް ކަމާލުއްދީން ތާއީދު ކުރައްވައިފިއެވެ.

އަކްރަމަކީ އެމްޑީޕީގެ ލީޑަޝިޕާ ގާތް ގުޅުމެއް އޮންނަ، އެ ޕާޓީގެ އިސް މެންބަރެކެވެ. އިންތިޚާބުތައް އެއްކޮށްލުމުގެ ބަދަލަށް އެމްޑީޕީން ދެކޮޅު ހަދަމުންދަނިކޮށް، އަކްރަމް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ބޮޑެތި ފައިދާތަކެއް އެބަހުރި ކަމަށެވެ.

Ad
rt

އެގޮތުން ވެރިކަމަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ކުރާ ފޯކަސް ކުޑަވުމުން، ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ހޮވުމަށް މަގުފަހިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ ޓީވީގެ އެއް ޕާޓްނަރުގެ ގޮތުގައި ވެސް ހުންނެވި އަކްރަމް ވިދާޅުވި ގޮތުގައި، ވޯޓުލާ މީހާއަށް ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްގެ ކެންޑިޑޭޓެއްކަން ނޭނގި ހުރެ މަޖިލިސް ވޯޓު ދިނުމަކީ، ކެންޑިޑޭޓުންގެ ތެރެއިން ހިތް އެދޭ ފަރާތެއް އިޚްތިޔާރު ކުރަން ފަސޭހަވާނެ ކަމެކެވެ. އަދި އިންތިޚާބުގެ ފްރެޝަރަށް ސަރުކާރުގެ ފޯކަސް އަބަދު ބަދަލުކުރަން ޖެހުން ނިމުމަކަށް އައިސް، ސަރުކާރުގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހައުލެއް ގާއިމްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ހުރި ފައިދާތަކަށް އަލިއަޅުއްވާލައްވަމުން އަކްރަމް ވިދާޅުވީ، ދައުލަތުންނާއި ޕާޓީތަކުން އިންތިޚާބުތަކަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ.

"2 އިންތިޚާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫން، އޭގެ ބަދަލުގައި އިންތިޚާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވުން،" އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެންމެ މުހިންމު އިންތިޚާބު ބާއްވާ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ސަބަބުތަކަށްޓަކައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރާ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.