މިދިޔަ ހަފްތާގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅިފައިވާ ސްކޭމްގެ މައްސަލަތަކުން ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް އެ ހިދުމަތުން ހާމަކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 51 މައްސަލަ ހުށަހަޅާފައި ވެއެވެ.
އެ މައްސަލަތަކުގައި 338،809.30 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މީގެތެރެއިން 124،277 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ، އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ.
އެފަދަ 27 މައްސަލައެއް ހުށަހަޅާފައި ވެއެވެ. ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އިމްޕަރސެނޭޝަންގެ 10 މައްސަލައާއި، ފައިސާ މާރުކުރުމާއި ގުޅުންހުރި އަށް މައްސަލައިގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން ހަ މައްސަލައެއް ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިންގ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް އެވެ. ސްކޭމްތަކުން ރައްކާތެރިވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!