އީރާނުގެ ދެކުނުގައި އޮންނަ ޗަބަހާރު ބަނދަރު ސިޓީ ކައިރިން އެމެރިކާގެ ކަނޑުގެ ސިފައިންގެ ''އެފް/އޭ-18'' ސުޕަރ ހޯނެޓް މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުދަ ދުވަހު ހާމަކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބޯޓު ވައްޓާލާފައިވަނީ އީރާނުގެ ވައިގެ ސަރަހައްދަށް ވަނުމާ ގުޅިގެން އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ދިން ހަމަލާއެއްގައެވެ.
އީރާނުން ވަނީ އެ ބޯޓަށް ހަމަލާދިން ވަގުތާއި ބޯޓު ވެއްޓެމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. އައިއާރުޖީސީ އިން ބުނާ ގޮތުގައި މިއީ އެމެރިކާގެ މަނަވަރުތަކުން ބޭނުންކުރާ އެންމެ މުހިންމު އަދި ވަރުގަދަ މަތިންދާބޯޓުތަކަށް ހަމަލާދިނުމުގެ ފުރިހަމަ ގާބިލުކަން އީރާނުގެ އަސްކަރިއްޔާގައި ހުރިކަން ސާބިތުކޮށްދޭ ހެއްކެކެވެ.
ބޯޓު ވައްޓާލާފައިވާ މަންޒަރު ފެންނަ ވީޑިއޯ އާއި އެކު އީރާނުން މިކަން ހާމަކުރި ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނުގެ މި ވާހަކަޔައް ދޮގުކޮށްފައެވެ. ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ތެރޭގައި އެމެރިކާގެ އެއްވެސް ފައިޓަރ ޖެޓެއް ވައްޓާލާފައި ނުވާނެ ކަމަށެވެ. އަދި އީރާނުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ނުވަތަ "ޑިސްއިންފޮމޭޝަން" ކަމަށްވެސް އެމެރިކާއިން ބުނެފަވެއެވެ.
ޗަބަހާރަކީ އީރާނުގެ ކަނޑުގެ ދިފާއީ ނިޒާމަށާއި ހޯރްމޫޒް ކަނޑުއޮޅިއާ ކައިރިވުމުން ވަރަށް މުހިންމު ސްޓްރެޓީޖިކް ސަރަހައްދެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ''އެފް/އޭ-18'' އެއް އެ ސަރަހައްދުން އުދުހުނު ނަމަ، އެއީ އީރާނުގެ މިސައިލް ސައިޓްތަކަށް ހަމަލާދެމުންދާ ޔޫ.އެސް.އެސް އަބްރަހަމް ލިންކަން ނުވަތަ ޔޫ.އެސް.އެސް ޖެރަލްޑް އާރް. ފޯޑް އަށް ނިސްބަތްވާ ބޯޓަކަށް ވުން ގާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!