ހއ. ބާރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބެހެއްޓުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަން އެ ދާއިރާގެ މަޖިލިސް މެންބަރު ހާމަކުރައްވައިފިއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރަށުގައި ބެހެއްޓޭ މި ޑޮލަރު އޭޓީއެމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، އެ ރަށުގެ ރައްޔިތުންނަށާއި ލޯކަލް ޓޫރިޒަމަށް އަމާޒުކޮށްގެން ގާއިމުކުރެވޭ މުހިންމު ވަސީލަތެއް ކަމަށެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި މި ޚިދުމަތުގެ ސަބަބުން ރަށުގެ ޒުވާނުންގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ރަށުގައި ތިބެގެން ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ފުރުސަތު މި އޭޓީއެމް މެދުވެރިކޮށް ފަހިވެގެންދާނެއެވެ.
"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު އާއި ބާރަށު ޓުވަރިޒަމް ޒޯން ތަރައްޤީވެގެން ދާއިރު މިޚިދުމަތަކީ ރަށުން ކޮންމެހެން ލިބެން ހުންނަންޖެހޭނެ ޚިދުމަތެއް،" ޝުޖާއު ވިދާޅުވިއެވެ.
ބާރަށަކީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައިވާ ރަށަކަށް ހެދުމަކީ ރައްޔިތުންގެ ބޮޑު އުންމީދެއްކަން ފާހަގަކުރައްވަމުން، މިފަދަ މުހިންމު ޚިދުމަތެއް ބާރަށަށް ފަހިކޮށްދެއްވި ކަމަށްޓަކައި މެންބަރު ޝުޖާއު ވަނީ ރަށުގެ ރައްޔިތުންގެ ނަމުގައި ރައީސް މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!