މެދުއިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ގައުމުގެ ހަކަތައިގެ ސަޕްލައިއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ އެ ގައުމުގައި "ގައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު" އިޢުލާނުކުރައްވައިފިއެވެ.
އަންގާރަ ދުވަހު ރައީސް މާކޯސް މި ހާލަތު އިޢުލާނުކުރެއްވީ، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުން ދިއުމާ ގުޅިގެން ގައުމަށް "ވަގުތުން ކުރިމަތިވެދާނެ ނުރައްކަލަކަށް" އިޖާބަދިނުމުގެ ގޮތުންނެވެ. މި ނިންމެވުމާއެކު، ތެލާއި، ކާބޯތަކެއްޗާއި، ބޭހާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އިތުރުން ޒަރޫރީ އެހެނިހެން މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.
މީޑިއާއަށް ހާމަކުރެއްވި ރިޔާސީ އަމުރުގައި ރައީސް މާކޯސް ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށެވެ. އަދި ސަޕްލައި ޗެއިންއަށް ބުރޫއަރައި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުން ދިއުމަކީ ފިލިޕީންސްގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ގައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމުން، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އަންނަ ބަދަލުތަކާއި ގައުމުގެ އިގްތިސާދަށް ކުރިމަތިވާ ނުރައްކާތަކަށް ހައްލު ހޯދުމަށްޓަކައި، މިހާރު ހުރި ގާނޫނުތަކުގެ ދަށުން ވިލަރެސްކުރެވިފައިވާ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެ،" ރައީސް މާކޯސް ވިދާޅުވިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް އިޢުލާނުކުރި މި ހާލަތުގެ ދަށުން، ސަރުކާރަށް ވަނީ ހާއްސަ ބާރުތަކެއް ލިބިދީފައެވެ. އޭގެ ތެރޭގައި ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް މެދުނުކެނޑި ހޯދުމަށްޓަކައި، ބޭނުންވެއްޖެ ހާލަތެއްގައި ކޮންޓްރެކްޓް އަގުގެ އެއްބައި ކުރިއާލައި ދެއްކުމުގެ އިޚްތިޔާރު ހިމެނެއެވެ.
ފިލިޕީންސްގެ އެނާޖީ ސެކްރެޓަރީ ޝެރަން ގަރިން ވިދާޅުވި ގޮތުގައި، މިހާރު ގައުމުގައި ހުރި ތެލުގެ ރިޒާވުން ފުދޭނީ ގާތްގަނޑަކަށް 45 ދުވަހަށެވެ. އެހެންކަމުން، ގައުމުގެ ރިޒާވް ވަރުގަދަކުރުމުގެ ގޮތުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއި އެހެނިހެން ސަރަހައްދުތަކުން 1 މިލިއަން ފީފާ ތެޔޮ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!