ކައުންސިލްތަކަކީ ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ، ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައި އޮތް ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަން ނުހަނު ބޭނުންވެއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި، ޤާނޫނުގައިވެސް ކައުންސިލްތަކުގެ ދައުރު އޮތީ ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫޢުތަކަށް އެއްބާރުލުން ދިނުމަށް ކަމަށް ފާހަގަކުރެއްވިއެވެ.

"ލާމަރުކަޒީ ގާނޫނުގައި އޮންނަނީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް، ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އަޣުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކޮށް ސަރުކާރު ހިންގަން ހަވާލުކުރަނީ ޤާނޫނުއަސާސީގެ ހަމަތަކުގެ މަތިން ކަމަށާއި، ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެ ރައީސަކަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ފިޔަވަޅު އެޅުމުގެ ބާރު ޤާނޫނުން ލިބިދީފައި އޮތް ނަމަވެސް، އެފަދަ ފިޔަވަޅެއް އަޅަންޖެހޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވިސްނުން އެއްކިބާކޮށް، އެންމެން ގުޅިގެން މަސައްކަތްކުރާ ނަމަ ރައްޔިތުންނަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.

ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ގިނަ ފަހަރަށް ރައްޔިތުންނަށް ލިބެންހުރި ކުރިއެރުންތަކަށް ހުރަސް އެޅެނީ ސިޔާސީ ވިސްނުން އިސްކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.