މަރުގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫންކަމަށެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަށަވަރުކޮށްގެން ކުރަންޖެހޭ ކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ފާސްވެ، އެ ބިލު ތަޞްދީޤުކުރެއްވުމާއެކު، މަރުގެ ޙުކުމް ތަންފީޒުކުރުމަށް ޝަރުޢީ މަރުޙަލާތައް ފުރިހަމަވެފައިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރައްވާނޭ ކަމަށެވެ.
މިއީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގައި އަދުލުއިންސާފާއި އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!