ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ ނިކަމެތި އަދި ދަތި ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް އިސްކަންދެވޭނެ ގޮތަށް ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރާ 1,224 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ވަޒީރުގެ ވާހަކާގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ދަތި ހާލަތެއްގައި އުޅޭ ޒުވާން އަންހެނަކު ހިއްސާކުރި ވާހަކަތަކަށް އަލިއަޅުއްވާލެއްވިއެވެ. އޮކްސިޖަން މެޝިނެއްގެ އެހީގައި ނޭވާލާ އެ ޒުވާނާ، 10 ފޫޓު 15 ފޫޓުގެ ކުޑަ ޖާގައެއްގައި ބޮޑު އާއިލާއަކާއެކު އުޅެންޖެހުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ އަދި އިޖުތިމާއީ ދަތިތައް ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އެފަދަ ހާލަތްތަކުގައި ތިބި ފަރާތްތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

''ވަކިން ހާއްސަކޮށް ނިކަމެތި، ދަތި ހާލަތުގައި އުޅޭ އާއިލާތަކަށް އިސްކަންދެވޭ ގޮތަށް." ވަޒީރު ވިދާޅުވެފަވެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ މުއައްސަސާތަކާއި މާލީ އިދާރާތައް ގުޅިގެން ހޯދާފައިވާ އިޖާދީ ހައްލެއްކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ، ބީއެމްއެލްއަކީ ސަރުކާރުގެ މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ބައިވެރިޔާ ކަމަށެވެ.

"މިއީ، ދަޢުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުމާއެކު ގުޅިގެން ހޯދިފައިވާ އިޖާދީ ޙައްލުތަކެއް. ރައީސްގެ ވިސްނުންފުޅުގެ ނަތީޖާ. މި ޔުނިޓުތައް ދޫކުރާނީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން،" ވަޒީރު ވިދާޅުވިއެވެ.