ވ. ފެލިދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް އަނިޔާގެ ސީރިއަސްކަމުން ބައެއް މީހުން ވަނީ މާލެ ސަރަހައްދަށް ބަދަލުކޮށްފައެވެ.

Ad
rt

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އަނިޔާވި ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ.

މީގެ އިތުރުން، ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ މާރިޗު 20 ވަނަ ދުވަހު ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިންގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެކެވެ.

މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

ލޯންޗު ބަންޑުން ޖަހާލި ވަގުތު އޭގެ ތެރެއިން ފަސް މީހުން ކަނޑަށް ވެއްޓުނު ކަމަށް ފުލުހުން ބުނެއެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި އަދިވެސް ދަނީ ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.