ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

Ad
rt

ދުވަހާ ގުޅިގެން އެކަމަނާ ވިދާޅުވީ ދިރިއުޅުމުގެ ކަންކަން އެކި މީހުން ތަޖުރިބާކުރާ ގޮތް ތަފާތުކަމަށާއި އެއީ ބަލިކަށިކަމެއް ނޫން ކަމަށެވެ. ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް މުޖުތަމައުން ބާކީވުމާއި އެކަނިވެރިކަމާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، އެ ފަރާތްތަކަކީ ލޯތްބާއި، އޯގާތެރިކަމުގެ އިތުރުން ކެތްތެރިކަމުގެ ނަމޫނާ ބައެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފަ އެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަމުންދާއިރު، ކޮންމެ މީހަކީވެސް ބަލައިގަނެވޭ، އަގުވަޒަންކުރެވޭ، އަދި އެންމެންގެ ތެރޭގައި ޝާމިލުވެވޭނެ ފަދަ މާހައުލެއް ބިނާކުރުމަށް އަޒުމް ކަނޑައެޅުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

" ކޮންމެ ވަގުތަކުވެސް އެކަކު އަނެކަކަށް އިހުތިރާމާއެކު މުއާމަލާތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެއްވެސް މީހަކީ ބާކީވެފައިވާ މީހެއް ކަމުގައި އިހުސާސް ނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.