އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވީ ނަމަވެސް، އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ވެފައިވާ ބިޔަ އިޤްތިޞާދީ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އަލުން ދީފިއެވެ.
މިކަން ހާމަކުރެއްވީ ޔޫ.އޭ.އީ އިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫސުފް އަލް އޮތައިބާ، 17 މާރިޗު 2026 ގައި "ޔޫ.އެސް-ޔޫ.އޭ.އީ ބިޒްނަސް ކައުންސިލް" އަށް ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ. ސަފީރުގެ މި މެސެޖަކީ ބައިނަލްއަޤްވާމީ ބާޒާރުތަކަށް އިތުބާރު ހޯދައިދިނުމަށާއި، ހަނގުރާމައިގެ ސަބަބުން ޔޫ.އޭ.އީ އިން އިންވެސްޓްމަންޓްތައް ހުއްޓާލަން އުޅޭކަމަށް ފެތުރިފައިވާ އަޑުތައް ދޮގުކުރުމަށް ފޮނުއްވި މެސެޖެކެވެ.
2025 ވަނަ އަހަރުގެ މާރިޗު މަހު އެކުލަވައިލި 10 އަހަރުގެ މި މަޝްރޫޢަކީ ޔޫ.އޭ.އީގެ އިޤްތިޞާދު ސިންދަފާތުކޮށް، ޒަމާނީ ކުރުމަށާއި އެމެރިކާގެ ސިނާޢަތްތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ފަރުމާކޮށްފައިވާ ބިޔަ މަޝްރޫޢެކެވެ. މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އިންވެސްޓްކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (AI) އާއި ސެމީކޮންޑަކްޓަރ ފެކްޓްރީތައް ބިނާކުރުމާއި، ސާފު ހަކަތައިގެ މަޝްރޫޢުތަކާއި، އެޑްވާންސް މެނުފެކްޗަރިންގގެ އިތުރުން ލޮޖިސްޓިކްސް އަދި ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރ ހިމެނެއެވެ.
މި އިންވެސްޓްމަންޓްތަކުގެ ޔަގީންކަން ޔޫ.އޭ.އީ އިން މިދިނީ، 28 ފެބުރުވަރީ 2026 ގައި އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި "އޮޕަރޭޝަން ރޯރިންގ ލަޔަން" ގެ ސަބަބުން ސަރަޙައްދީ މަސްލަޙަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ޔޫ.އޭ.އީގެ ފުޖައިރާ އިންޑަސްޓްރިއަލް ޒޯން ފަދަ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި އެއަރޕޯޓްތަކަށް އަމާޒުކޮށް 2,000 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާދީފައެވެ.
ސަފީރު އޮތައިބާގެ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި، ޔޫ.އޭ.އީގެ 2 ޓްރިލިއަން ޑޮލަރަށްވުރެ ބޮޑު ސޮވްރިން ފަންޑުގެ އެހީގައި، ޤައުމުގެ ދިފާޢީ ޚަރަދުތައް އިތުރުވި ނަމަވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްވެސް ބުރޫއެއް ނާރާނެއެވެ. އަދި އީރާނުން ދިން ހަމަލާތަކުގެ 93 އިންސައްތަ ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށާއި، ޤައުމުގެ ބަނދަރުތަކާއި އެއަރޕޯޓްތަކުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ ޢަމަލުތަކުގެ ސަބަބުން އެމެރިކާއާއެކު އޮތް ގުޅުން ކުރިއަށްވުރެ ބަދަހިވެފައިވާކަންވެސް ސަފީރު ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!