މާލޭގެ 'މަސްޖިދުއްޒިކުރާ' މިހާރު ހުރި ބިމުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އާ މިސްކިތުގެ ބިންގާ މިރޭ އަޅައިފިއެވެ.

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

Ad
rt

މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ވަސީލަތްތަކާއެކު އާ މިސްކިތްތައް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އަމިއްލަ ފަރާތެއްގެ ދީލަތީ އެހީތެރިކަމާއެކު ބިނާކުރާ މި އާ މިސްކިތަކީ ތިން ފަންގިފިލާއަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ. މިސްކިތުގެ އެކި ފަންގިފިލާތަކަށް އަރާފޭބުމުގައި ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މިސްކިތުގައި ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މިސްކިތް ނިމުމުން މިއީ މާލެ ސަރަޙައްދުގައި ހުރި ޖާގަ ތަނަވަސް، ޒަމާނީ މިސްކިތަކަށް ވެގެންދާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިސްކިތުގެ ބިންގާ މިރޭ އެޅި ނަމަވެސް، މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާއެކުގައެވެ.

މި މަޝްރޫޢަކީ މާލޭގެ މިސްކިތްތަކުގެ ހާލަތު ރަނގަޅުކޮށް، ނަމާދުކުރާ ފަރާތްތަކަށް އެކަށީގެންވާ ޖާގަ އާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށްޓަވާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މަސައްކަތެކެވެ.