ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ފިޠުރު ޒަކާތުގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި 40,000 އަށްވުރެ ގިނަ ޑޮލަރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޢީދު ހަދިޔާގެ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މިއީ ޔޫއޭއީގެ ހެޔޮއެދުންތަކާއެކު އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި 40,780.44 އެމެރިކާ ޑޮލަރެވެ.
މި ފައިސާ މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޯޝަލް މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި އެހީގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ޢީދުގެ އުފަލުގައި ބައިވެރިކުރުވުމެވެ. އެގޮތުން މި ފައިސާ ބޭނުންކޮށްގެން ކުދިންނަށް ޢީދު ހެދުން ހޯދައިދިނުމާއި، ބޭނުންޖެހިފައިވާ ޢާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމުގެ އިތުރުން ޢީދު އުފަލުގައި ބައިވެރިކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ސޯޝަލް މިނިސްޓްރީން ބުނީ މި ހަރަކާތްތައް ހަމައެކަނި މާލެ ސަރަޙައްދަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އަތޮޅުތެރޭގައި ވެސް ކުރިއަށްގެންދާނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޢީދުގެ އުފާވެރިކަން އިޙްސާސްކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން އުންމީދު ކުރެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އުފަލަށްޓަކައި ޔޫއޭއީ ސަރުކާރާއި، އެމިރޭޓްސް ރެޑް ކްރެސެންޓުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް، ސޯޝަލް މިނިސްޓްރީން ވަނީ އެ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!