ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ ސޮހަބް މިއަގެ މައްޗަށެވެ.

Ad
rt

އެމްޑީ ސޮހަބް މިއަގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، 2024 ޖޫން 28 ވަނަ ދުވަހު ޔޫ.އެސް ބަންގްލަދޭޝް އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުންނެވެ. އޭނާ ގެންގުޅުނު ލެޕްޓޮޕް ބޭގެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާއިރު، އެ ތަކެތި ތަހުލީލު ކުރިއިރު 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ތަހުގީގުގައި، ހެކި އެއްކުރުމާއި، ފެނުނު ތަކެތި ތަހުލީލުކުރުމުގެ އިތުރުން މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ނަގައި، ކޯޓަށް ބޭނުންވާ އެންމެހައި ހެކިތައް ވަނީ ހުށަހަޅާފައެވެ. ފުލުހުންގެ ތަހުގީގަށް ބިނާކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ ކުރީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބެލުމަށްފަހު، އެމްޑީ ސޮހަބް މިއަގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއާއެކު، މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، 100,000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.