ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު އެކުލަވާލި ލޭންޑު ޔޫސް ޕްލޭން އޮތީ އެމްޑީޕީގެ ވެރިކަމުގެ ހައުސިން މިނިސްޓްރީން ހިފަހައްޓާފައިކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.
މެމްބަރު ވިދާޅުވީ 11 އަހަރުގެ މާޒީއަކަށްފަހު މާލޭ ސިޓީގެ މޭޔަރަކަށް ރައީސް މުއިއްޒު ވަޑައިގެންނެވީ މެނިފެސްޓޯއަކާ އެކުގައި ކަމަށެވެ. އެމަނިކުފާނުގެ ޒައާމަތުގައި އެކުލަވާލެވުނު ލޭންޑް ޔޫސް ޕްލޭނަކީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެކުލަވާލެވުނު ޕްލޭނެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ގާނޫނުގައި އޮންނަނީ ހަމައެކަނި ރައްޔިތުންގެ ހިޔާލު ހޯދަން. އެކަމަކު ފުޅާ ކުރައްވައި ޖަމިއްޔާ ޖަމާއަތްތަކާއި ކުލަބުތަކާއި މާލޭގެ ކަމުވޮށިގެންވާ އިސްރައްވެހިންގެ ހިޔާލާއި މަޝްވަރާ އެމަނިކުފާނު ހޯއްދެވި. ކަންވެގެންދިޔައި ކިހިނެތްތޯ؟. އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓްރީން އޮތީ އެ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާފައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވަންދެން. ކޮބާތޯ އިހުލާސްތެރިކަން. ގާނޫނުން ލާޒިމުކުރަނީ ތިން މަސްދުވަހުގެ ތެރޭގައި ލޭންޑު ޔޫސް ޕްލޭން ފާސްކޮށްދެންވާނެއޭ. އެކަމަކު ތިން މަސް ހަމަވާން ކައިރިވީމަ ކޮންމެވެސް ބަހަނާއެއް ދައްކާފައި އަލުން ފޮނުވާލަނީ. " ޝުޖާއު
އެމްޑީޕީގެ ސަރުކާރުން އޭރު އަމަލުކުރީ ޣައިރު ޒިންމާދާރުގޮތެއްގައި ކަމަށް ވިދާޅުވެ އެކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދުއްތުރާތަކާ ކުރިމަތިލާންޖެހުނުކަމަށް ޝުޖާއު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!