އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެ، އިތުރު ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހާދިސާއާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތު ދީފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 01:57 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔަކަން ފާހަގަކުރެވިފައިވެއެވެ.
ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ފުލުހުންނާއި އާންމުން ވަނީ ވަރުގަދަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން އެތެރެއަށް ވަދެ، ހަބަރު ހުސްވެފައި ތިބި ހަތް މީހަކު ވަނީ ނެރެފައެވެ. މި އެންމެން ވަގުތުން ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. އަދި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ސީރިއަސްވި ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.
މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝްގެ ރައްޔިތުންނެވެ.
މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ރޭ ދަމުން 02:30 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ. ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް، މައުލޫމާތުތައް މޭޖަރ ކްރައިމް އިންވެސްޓިގޭޝަނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް މިއަދު ހެނދުނު ވަނީ ދިގުރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގެ އިތުރުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިގުރަށު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!