މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް، އެ ޢަމަލެއް ކުރުމުގައި ދެމިހުންނަ ޢަމަލެކެވެ. މިއީ އިސްލާމީ މަންހަޖުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެކެވެ. މި މައުޟޫޢަށް ބިނާކޮށް ރާއްޖޭގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ ރަމަޟާންމަހަށް ފަހު ވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

މިއަދުގެ ހުތުބާއިން ލިބިދިން މުހިންމު ބައެއް ދަރުސްތަކަށް ނަޒަރުކުރާއިރު، ރަމަޟާންމަސް އަހަރެމެންނާ ވަކިވަމުންދާއިރު، ހަނދާންކުރަންޖެހޭ އެންމެ މުހިންމު ހަގީގަތަކީ އަޅުކަންކުރުމަކީ ވަކި މޫސުމަކަށް އޮތް ކަމެއް ނޫން ކަމެވެ. މާތް ﷲ އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އެހެންކަމުން، މަރު އަހަރެމެންނާ ބައްދަލުކުރަންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ރަމަޟާންމަހަކީ އަޅުކަމުގެ ތަމްރީނު ލިބިގަންނަ މޫސުމެކެވެ. އެ މަސް ނިމުމުން ވެސް އެ ކުރި ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވައި، އެ ގޮތުގައި ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުމަކީ މުއުމިނުންގެ ސިފައެކެވެ.

Ad
rt

ހެޔޮ ޢަމަލުތަކުގެ ތެރެއިން ޝައްވާލުމަހުގެ ހަ ރޯދައަކީ ރަމަޟާންމަހަށްފަހު ލިބިގެންދާ މުހިންމު ފުރުޞަތެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން، ރަމަޟާންމަހުގެ ރޯދައަށްފަހު ޝައްވާލުމަހުގެ ހަ ރޯދަ ހިފައިފި މީހަކަށް މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގެންވެއެވެ. މީގެ އިތުރުން، ފާފަ ފުއްސެވުމަށް އެދި ގިނަގިނައިން އިސްތިޣުފާރުކޮށް ތައުބާވުމަކީ ﷲގެ ރަޙުމަތަށް އެދޭ މީހާ އަވަސްވެގަންނަންޖެހޭ ކަމެކެވެ.

އަހަރެމެންގެ ދިރިއުޅުމުގައި ކުރާ ހެޔޮ ޢަމަލުތަކަކީ ކިތަންމެ މަދު މިންވަރެއް ކަމުގައި ވިޔަސް، އެ ކަމެއްގައި ދެމިހުރުމަކީ ނަބަވީ އިރުޝާދެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމާއި، ކޮންމެ ދުވަހަކު ޤުރްއާނުން މިންވަރެއް ކިޔެވުމަކީ ހުއްޓާނުލައި ކުރިއަށް ގެންދަންޖެހޭ ކަންކަމެވެ. ހަމައެއާއެކު، ކުރެވޭ ހެޔޮ ޢަމަލުތަކާ މެދު ބޮޑާވެ، ފަޚުރުވެރިވުމުން ދުރުހެލިވާންޖެހެއެވެ. ކަހުފު ސޫރަތުގައި ބަޔާންކުރައްވާފައިވާ ދެ ބަގީޗާގެ ވެރިޔާގެ ވާހަކައިން އެނގިގެންދަނީ، ބޮޑާވެ ފަޚުރުވެރިވުމަކީ މާތް ﷲ ދެއްވި ނިޢުމަތްތައް ބާޠިލުވެ، ހަލާކުވެގެންދާނެ ކަމެއް ކަމެވެ.

އިޖުތިމާޢީ ގޮތުން ބަލާއިރު، ރޯދަމަހުގެ ޙުރުމަތް ހިފެހެއްޓުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ނުދިނުމަށާއި، އިޖުތިމާޢީ މިންގަނޑުތަކަށް އިޙުތިރާމުކުރުމަށް ފަތުރުވެރިންނަށް އިރުޝާދު ދިނުމަކީ މުހިންމު ކަމެކެވެ.

އަހަރެމެންގެ އެންމެ ފަހުގެ މަންޒިލަކީ އާޚިރަތެވެ. އެތަނުގައިވާ ސުވަރުގެއަކީ އޭގެ ނިޢުމަތްތައް ބަޔާންކޮށް ކޮޅުންނުލާނެ މަތިވެރި ތަނެކެވެ. ސާފު ފެނާއި، ކިރާއި، މާމުޔާއި، މީރު ރާގެ އާރުތަކުން ފުރިގެންވާ އެތަނަށް ވަދެވޭނީ ދުނިޔޭގައި ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބި މީހުންނަށެވެ. އެހެންކަމުން، ނަރަކައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްވެ، ސުވަރުގެ ޙާޞިލުކުރުމަށްޓަކައި، ކިތަންމެ މަދުން ނަމަވެސް ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިތިބުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ.