ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ ދަށުން ކުރިއަށް ގެންދާ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮވެގެންނެވެ. މީގެ އިތުރުން ބައިވެރިވާ ފަރާތްތަކަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތްތަކެއް ކަމުގައި ވާންޖެހެއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 2026 މެއި މަހުގެ ފަހު ހަފުތާގައެވެ. ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ.

ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެ ކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މި ޕްރޮގްރާމަށް ހޮވޭ ފަރާތްތައް އެންރޯލް ކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކުރުމުން ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ދިފާޢީ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު applyfor.mns@defence.gov.mv އަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެ ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3035850 ނަންބަރު ފޯނާ ގުޅުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ.

ވަޠަނީ ޚިދުމަތުގެ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. 2 ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ދަރިވަރުން އަންނަނީ ތަމްރީން ފުރިހަމަކުރަމުންނެވެ. އެއީ 286 ފިރިހެން ދަރިވަރުންނާއި އަދި 64 އަންހެން ދަރިވަރުންނެވެ.

ފުރަތަމަ ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ނުހޮވޭ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން އެކުދިންނަށް ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ. އެގޮތުން، 171 ކުދިން އެމްއެންޑީއެފަށް، 7 ކުދިން އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަނުކަން، 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ވަޒީފާދީފައިވާއިރު 23 ކުދިންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން، 5 ކުދިންނަށް މޯލްޑިވްސް އިމިގްރޭޝަނުން، 3 ކުއްޖަކަށް އެމްއޭސީއެލްއިން ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ. އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަން ބޭނުންވި 38 ކުދިންނަށް ސަރުކާރުން ވަނީ އެ ފުރުޞަތު ދީފައެވެ.