މި ރޯދަމަހުގެ ފަހު 10ގެ ރޭ ތަކުގައި ހއ. އިހަވަންދޫގެ ކުޅިވަރު ދަނޑުތައް ނުދިއްލާނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ރޯދަ މަހުގެ ފަހު ދިހަ މިރެޔާއެކު ފެށިފައިވާއިރު، އިހަވަންދޫ ކައުންސިލުން ވަނީ މި ނިންމުންނިންމައި އެކަން ޢިއުލާންކޮށްފައެވެ.
ފަހު ދިހައިގެ ރޭތައް އަޅުކަމަށް ވީހާ ވެސް ބޮޑަށް ތަންދޭގޮތަށް ޢަމަލުކުރަމުން އަންނައިރު، އިހަވަންދޫ ކައުންސިލުން ބުނެފައިވާގޮތުގައި އިހަވަންދޫގައި ހުކުރު ކުރަމުން އަންނަ ފަސް މިސްކިތުގައި ވެސް ރޯދަ މަހުގެ 21 ވަނަ ވިލޭރޭން ފެށިގެން ދަމުނަމާދު ކުރާނެ ކަމަށެވެ. އެރޭތަކުގައި ދަމު ނަމާދު ފަށަން ނިންމާފައި ވަނީ މެންދަމު 3:00 ގައެވެ.
މީގެ އިތުރުން އެރަށުގެ މަސްޖިދު ތައުބާ އާއި މަސްޖިދު ތަޢާވުންގައި އިއުތިކާފަށް ތިބެވޭނެ އިންތިޒާމު ރަށު ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
އިހަވަންދޫގައި ވަނީ މި ރޯދަމަހު އިހްޔާ ފޯރަމްތަކުގެ އިތުރުން ދީނީ ދަރުސްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.
ރަމަޟާންމަހުގެ ފަހު 10ގެ މަތިވެރިކަން
ރަމަޟާން މަހުގެ ފަހު ދިހައަކީ މުޅި އަހަރު ދުވަހުގެ ތެރޭގައި އަންނަ އެންމެ ބަރަކާތްތެރި އަދި މަތިވެރި ދުވަސްތަކެވެ. މި ދުވަސްތަކުގެ މަތިވެރިކަން ބަޔާންކޮށްދޭ މުހިންމު ކަންތައްތަކެއްވެއެވެ. މިގޮތުން ފަހު ދިހައިގެ އެންމެ ޚާއްޞަ ސިފައަކީ އެ ދިހަ ރޭގެ ތެރޭގައި ލައިލަތުލްޤަދްރި ވިލޭރޭ ހިމެނިގެންވުމެވެ. އެއީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. މާތް ﷲ ވަނީ އެ ރޭގެ މަތިވެރިކަމާ ބެހޭގޮތުން ވަކި ސޫރަތެއް (ސޫރަތުލް ޤަދްރި) ބާވައިލައްވާފައެވެ.
އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާ ގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހައެއް އައުމުން ރަސޫލާ ﷺ އެކަލޭގެފާނުގެ ފޭރާންކޮޅު ބާރުކުރައްވައެވެ (އެބަހީ: އަޅުކަމަށް ހީވާގިވެވަޑައިގަންނަވައެވެ). އަދި ރޭގަނޑު އިޙްޔާ ކުރައްވައި، އެކަލޭގެފާނުގެ އަހުލުވެރިން އަޅުކަމަށްޓަކައި ހޭފުޅުލައްވައެވެ. އަދި ރަސޫލާ ﷺ ކޮންމެ ރަމަޟާން މަހެއްގެ ފަހު ދިހައެއްގައި މިސްކިތުގައި އިޢުތިކާފަށް އިންނަވައެވެ. މިއީ ދުނިޔަވީ ކަންތައްތަކާ ދުރުވެ، މާތް ﷲ އަށް ކުއްތަންވުމަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އަޅުކަމެކެވެ.
ރަމަޟާން މަހުގެ ފަހު ދިހައަކީ "ނަރަކައިން މިންޖުވުމުގެ" ދިހައެވެ. މި ދުވަސްތަކުގައި ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމާއި، ހެޔޮ އަމަލުތައް އިތުރުކުރުމަކީ ނަރަކައިން ސަލާމަތްވުމަށް އޮތް މަގެކެވެ. މި ދުވަސްވަރު ކުރުމަށް އެންމެ ބޮޑަށް އިރުޝާދު ދެއްވާފައިވާ އެއް ދުޢާއަކީ: "اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي" (އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއީ ގިނަގިނައިން މާފުކުރައްވާ، މާފުކުރުމަށް ލޯބިކުރައްވާ ރަސްކަލާނގެއެވެ. ފަހެ، މިއަޅާއަށް މާފުކޮށްދެއްވާފާނދޭވެ!) މި ދުޢާއެވެ.
މި މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެ މުސްލިމަކުވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ރޭއަޅުކަން ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ޞަދަޤާތް ދިނުން ފަދަ ހެޔޮ އަމަލުތަކުގައި މި ދުވަސްތައް ހޭދަކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!